ރަޝިޔާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ސެއިންޓް ޕީޓަސްބާގްގައި ހުންނަ ތެޔޮ ރައްކާކުރާ މައި މަރުކަޒަކަށް ރޭގެ ވަގުތެއްގައި ޔޫކްރޭނުން ޑްރޯން ހަމަލާތަކެއް ދީފިއެވެ. ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވި ގޮތުގައި މިއީ ރަޝިޔާއިން ކުރަމުންދާ ހަނގުރާމައަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭނުންކުރާ މުހިންމު ވަސީލަތެކެވެ.
ޒެލެންސްކީ ހާމަކުރެއްވި ގޮތުގައި މި ހަމަލާ އަމާޒުކުރި ސަރަހައްދަކީ ޔޫކްރޭންގެ ބޯޑަރާ ގާތްގަނޑަކަށް 850 ކިލޯމީޓަރު (528 މޭލު) ދުރުގައި އޮތް ތަނެކެވެ. ޒެލެންސްކީ އާންމުކުރެއްވި ވީޑިއޯއަކުން ފެންނަ ގޮތުގައި، ޑްރޯން ހަމަލާއަށްފަހު އެ ސަރަހައްދުން ބޮޑު ދުމުގެ ބޯގަނޑެއް އުފެދިފައިވެއެވެ. ބީބީސީން ވެސް ވަނީ ސެއިންޓް ޕީޓަސްބާގްގެ ތެޔޮ ޓާމިނަލަށް ހަމަލާ އެރިކަން ކަށަވަރުކޮށްދީފައެވެ.
ސެއިންޓް ޕީޓަސްބާގްގެ ގަވަރުނަރު އެލެގްޒެންޑަރ ބެގްލޯވް ވިދާޅުވީ ސިޓީއަށް "ވަރުގަދަ" ޑްރޯން ހަމަލާތަކެއް އަމާޒުވި ކަމަށާއި، ތެޔޮ ޓާމިނަލަށް ހަމަލާ އެރި ކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ގަވަރުނަރު އިތުރަށް ވިދާޅުވީ ޔޫކްރޭންގެ 72 ޑްރޯން ވައްޓާލާފައިވާ ކަމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މީހުން ގޭގައި މަޑުކުރުމަށް އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
ޔޫކްރޭނުން ބުނާ ގޮތުގައި މި ހަމަލާ ދިން ޓާމިނަލަކީ އަހަރަކު 12.5 މިލިއަން ޓަނުގެ ތެޔޮ އުފެއްދުމުގެ ގާބިލުކަން ހުރި ރަޝިޔާގެ އެންމެ ބޮޑު އެއް މަރުކަޒެވެ. މީގެ އިތުރުން ކްރޮންސްޓެޑްގައި އޮންނަ ރަޝިޔާގެ ބޯލްޓިކް ފްލީޓްގެ މައި ނޭވަލް ބޭސްއަށް ވެސް ހަމަލާދީފައިވާ ކަމަށް ޔޫކްރޭން އަސްކަރިއްޔާއިން ބުނެއެވެ.
ޔޫކްރޭނުން ފަހަކަށް އައިސް ރަޝިޔާގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ދޭ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. ޔޫކްރޭނުން ބުނާ ގޮތުގައި މި ހަމަލާތަކުގެ ސަބަބުން ރަޝިޔާގެ ތެޔޮ ސާފުކުރާ މިންވަރުގެ 43 އިންސައްތަ ވަނީ ހުއްޓުމަކަށް އައިސްފައެވެ. ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން ވެސް ވަނީ ހަމަލާތަކުގެ ސަބަބުން ތެލުގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް ދާދި ފަހުން އެއްބަސްވެވަޑައިގެންފައެވެ. އަދި އެތެރޭގެ ބާޒާރަށް ތެޔޮ ފޯރުކޮށްދިނުމަށްޓަކައި އައު ގާނޫނެއްގައި ވެސް އޭނާ ވަނީ ސޮއިކުރައްވާފައެވެ.
ހަނގުރާމައިގެ އެހެން ހަބަރުތަކަށް ބަލާއިރު، ޔޫކްރޭންގެ އިރުމަތީގެ ރަށެއް ކަމަށްވާ ކޮސްޓިއަންޓިނިވްކާ ރަޝިޔާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގޮސްފައިވާ ކަމަށް ރައީސް ޕޫޓިން ވިދާޅުވި ވާހަކަ ޔޫކްރޭން އަސްކަރިއްޔާއިން ވަނީ ދޮގުކޮށްފައެވެ. ޔޫކްރޭންގެ އަސްކަރީ ތަރުޖަމާނު ވިދާޅުވީ އެ ރަށް އަދިވެސް އޮތީ ޔޫކްރޭންގެ ބާރުގެ ދަށުގައި ކަމަށެވެ.
ރަޝިޔާއިން ޔޫކްރޭނަށް ފުރިހަމަ ފެންވަރުގައި އަރައިގަނެ ހަނގުރާމަ ފަށާފައިވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ.









