ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ތައްޔާރުވެފައިވާއިރު، މި އިންތިޚާބުގައި 2،500 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާނެކަން އެ ޕާޓީން ހާމަކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ތަރުޖަމާނު އަލްއުސްތާޛު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހު ރާއްޖޭގެ 131 ރަށެއްގައި ވޯޓުލުން ކުރިއަށްދާނެ ކަމަށެވެ. ވޯޓުލުން ކުރިއަށްދާނީ އިންތިހާބު ކުރަންޖެހޭ އަދަދަށްވުރެ ގިނައިން މީހުން ކުރިމަތިލާފައިވާ މަގާމުތަކަށެވެ.
"ވަރަށް އުފަލާއެކު އިއުލާންކުރަން، މުޅި ރާއްޖޭގައި މި އިންތިޚާބުގެ ކަންކަން ނިމިގެންދާއިރު 2،500 އަށްވުރެ ގިނަ ބޭފުޅުން އިންތިޚާބީ މަގާމުތަކުގައި އަޅުގަނޑުމެންގެ ހަރަކާތްތަކުގައި ރުކުރުވާލެވޭނެ. މިއީ އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށް ބޮޑު ކާމިޔާބީއެއް،" ފިރުޒުލް ވިދާޅުވިއެވެ.
މި އިންތިހާބުގައި ހޮވުމަށް ހަމަޖެހިފައިވާ މަގާމުތަކުގެ ތެރޭގައި ދާއިރާ ރައީސުންނާއި، ދާއިރާގެ ނައިބު ރައީސުންނާއި، އަންހެނުންގެ ހަރަކާތުގެ ރައީސުންނާއި، ޒުވާނުންގެ ހަރަކާތުގެ ރައީސުންގެ އިތުރުން ސްޓިއަރިން ކޮމިޓީގެ ރައީސުން ހިމެނެއެވެ. ނަމަވެސް، ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރުންނަކީ އެ ދާއިރާތަކުގެ ރައީސުން ކަމަށް ޕާޓީގެ ގަވާއިދު ބުނާތީ، ދާއިރާ ރައީސުން ހޮވާނީ މަޖިލިސް މެންބަރުން ނެތް ދާއިރާތަކުގައެވެ.
އިންތިހާބުގެ ވޯޓާސް ލިސްޓު މިހާރު އާންމުކޮށްފައިވާއިރު، މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޕާޓީގެ ޕޯޓަލް މެދުވެރިކޮށް ވަނީ ހުޅުވާލާފައެވެ. މި އިންތިހާބުގައި ވޯޓުލެވޭނީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުގައި ޕީއެންސީގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
ޕީއެންސީން ބުނި ގޮތުގައި މި އިންތިހާބުގެ ބޭނުމަކީ ޕާޓީގެ ހަރަކާތްތައް ރަށްރަށުގައި ވަރުގަދަކޮށް، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެހީތެރިވުމެވެ. މި އިންތިހާބަށްފަހު، އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް ޕީއެންސީގެ ކޮންގްރެސް (މަތީ މަޖިލީސް) ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.









