ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ފަޅުތެރޭގައި އުޅަނދުފަހަރު ބޭއްވުމާއި، ހުއްދަތަކަށް އެދި ހުށަހެޅުމުގެ ކަންކަން ޒަމާނީކޮށް ހަރުދަނާކުރުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް މިއަދު ތައާރަފުކޮށްފިއެވެ.
"ހާބަރ ޕޯޓަލް" ގެ ނަމުގައި ތައާރަފުކުރި މި ޕޯޓަލްގެ މައިގަނޑު މަގުސަދަކީ އުޅަނދުތައް ރަޖިސްޓްރީކުރުމާއި، ފަޅުތެރެ ބެލެހެއްޓުމުގެ މަސައްކަތްތައް ދެފުށް ފެންނަ، އަދި ފަސޭހަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމެވެ. މި ޕޯޓަލްގެ ސަބަބުން ހިދުމަތުގެ ފެންވަރު ރަނގަޅުވެ، އުޅަނދުތަކުގެ ވެރިންނާއި އޮޕަރޭޓަރުންގެ އިތުރުން ފަޅުވެރިންނާއި ކަމާބެހޭ ފަރާތްތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.
އެމްއޭސީއެލް އިން މައުލޫމާތު ދޭ ގޮތުގައި، މި ޕޯޓަލް މެދުވެރިކޮށް ފަޅުތެރެ ބޭނުންކުރާ އުޅަނދުފަހަރުގެ ރެކޯޑުތައް ބެލެހެއްޓުމާއި، އޮޕަރޭޝަނަލް ކަންކަން މޮނިޓަރ ކުރުމުގައި އެ ކުންފުންޏަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
މި ހިދުމަތް ތައާރަފުކުރުމަށް ހަމަޖެހިފައިވަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި އިސްކަންދެނީ އުޅަނދުތައް ރަޖިސްޓްރީކުރުމާއި، ޕޯޓަލް ބޭނުންކުރާނެ ގޮތުގެ ހޭލުންތެރިކަން އިތުރުކުރުމަށެވެ. މި މަސައްކަތުގެ ދަށުން އުޅަނދުތަކުގެ ވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް މިހާރުވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ރަޖިސްޓްރީކުރުމުގެ މަރުހަލާގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ފަޅުވެރިންނާ ސީދާ މުއާމަލާތްކުރުމުގެ މަސައްކަތްވެސް އެމްއޭސީއެލް އިން ދަނީ ކުރަމުންނެވެ.
އުޅަނދުތަކުގެ ވެރިންނާއި އޮޕަރޭޓަރުންނަށް ޕޯޓަލްގައި ރަޖިސްޓްރީވުމަށް އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުން، ރަޖިސްޓްރީކުރުމުގެ މަރުހަލާ ޖުލައި މަހުގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ.
މި މަޝްރޫއުގެ ފަހު މަރުހަލާގައި "ހާބަރ ޕޯޓަލް" ފުރިހަމައަށް ބޭނުންކުރަން ފެށުމާއެކު، ވީއައިއޭގެ ފަޅުތެރޭގެ ހިދުމަތްތައް ހޯދުމުގެ ކުރިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވެ، ފަޅުތެރެ ބޭނުންކުރުމުގެ ހުއްދައަށް އެދި ހުށަހެޅުން މަޖުބޫރުވާނެއެވެ. މިއީ އެއަރޕޯޓުގެ ވަސީލަތްތައް އެންމެ އެދެވޭ ގޮތެއްގައި ބޭނުންކުރުމަށާއި، ކާރޫބާރު ބޮޑު ފަޅުތެރޭގެ އޮޕަރޭޝަންތައް ތަރުތީބުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.









