ކ. ގިރިފުށި ޓްރޭނިންގ ސެންޓަރުގެ ބިން ހިއްކުމާއި، ބިން ހިމާޔަތްކުރުން އަދި ބަނދަރު އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫޢު ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.
މިކަމަށް ޓަކައި ގިރިފުށި ޓްރޭނިންގ ސެންޓަރުގައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، މި މަޝްރޫޢުގެ މަސައްކަތް އިފުތިތާހުކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި އަސްކަރިއްޔާގެ ޤާބިލްކަން އިތުރުކުރުމަށް ޓަކައި އެކަށައަޅުއްވާފައިވާ އިސްތިރާޖީ ލަނޑުދަނޑިތަކުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ ޤައުމީ ދިފާޢީ ބާރަށް ބޭނުންވާ ތަމްރީންގެ ވަޞީލަތްތައް ޤާއިމުކޮށް، ސިފައިންގެ ހުނަރާއި ގާބިލްކަން އިތުރުކުރުމެވެ.
މި މަޝްރޫޢުގެ ފުރަތަމަ ފޭސްގެ ދަށުން، މިހާރު ގިރިފުށީގައި އޮތް 5.7 ހެކްޓަރުގެ ބިމުގެ ތެރެއަށް 13.3 ހެކްޓަރުގެ ބިން އިތުރުކުރެވިގެންދާނެއެވެ. މިއާއެކު ތަމްރީނުތަކަށް ބޭނުންކުރާ ބިމުގެ ނިސްބަތް ބޮޑުތަނުން އިތުރުވެގެންދާނެއެވެ. މަޝްރޫޢުގެ ޢަމަލީ މަސައްކަތްތަކުގެ ތެރޭގައި އައްސޭރިފަށުގެ ހިމާޔަތްކުރުމަށް ބޮޑުގަލުގެ ރިވެޓްމަންޓް ޖެހުމާއި، ރަށް ގިރުން ހުއްޓުވުމަށް ބޭރުތޮށްޓާއި ގްރޮއިންސް ޖެހުން ހިމެނެއެވެ.
މީގެއިތުރުން، އުޅަނދުފަހަރު ކައިރިކުރުމަށް އެލް-ބްލޮކް ކީ-ވޯލް ހެދުމާއި، 40 މީޓަރު އަދި 12 މީޓަރުގެ ދެ ޖެޓީ ތަރައްޤީކުރުން ހިމެނެއެވެ. އަދި މިހާރު ބޭނުންކުރާ 100 މީޓަރުގެ ފަޔަރިންގ ރޭންޖުގެ ބަދަލުގައި 300 މީޓަރުގެ ސްމޯލް އާމްސް ރޭންޖެއް ވެސް މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވޭނެއެވެ.
ބިން ހިއްކުމާއި ބަނދަރުގެ މަސައްކަތްތައް ނިމުމުން، ދެން އޮތް މަރުހަލާގައި ގިރިފުށީގައި ޒަމާނީ ތަމްރީން މަރުކަޒެއް ޤާއިމުކުރުމަށް ވަނީ ރޭވިފައެވެ. މި ތަނަކީ ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ފައްޓަވާފައިވާ "ދިވެހި ވަޠަނީ ޚިދުމަތް" ޕްރޮގްރާމްގެ މައި މަރުކަޒަށް ވެގެންދާނެއެވެ. މިގޮތުން އޮފިސަރ ޓްރެއިނިންގ ވިންގާއި، އެންސީއޯ އެކެޑަމީގެ ތަމްރީންތަކަށް ބޭނުންވާ އުމްރާނީ ވަޞީލަތްތަކާއި، އެކޮމޮޑޭޝަން ފެސިލިޓީތައް ވެސް މި ރަށުގައި ތަރައްޤީކުރެވޭނެއެވެ.
މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްގެ އިތުރުން އެމްއެންޑީއެފްގެ އިސް އޮފިސަރުންނާއި ދިފާޢީ ވުޒާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.









