އީލޮން މަސްކްގެ ފަޒާގެ ދަތުރުފަތުރާ ބެހޭ ކުންފުނި "ސްޕޭސް އެކްސް" ހިއްސާގެ ބާޒާރަށް ނެރުމާއެކު، އޭނާގެ މިލްކިއްޔާތު އެއް ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައި، ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރުގެ ލަގަބު އޭނާ ހޯދައިފިއެވެ.
ހުކުރު ދުވަހު ނޭސްޑެކް ހިއްސާގެ ބާޒާރުގައި ސްޕޭސް އެކްސް ލިސްޓުކުރެވުނީ 2.2 ޓްރިލިއަން ޑޮލަރުގެ އަގަކާއެކުގައެވެ. ބްލޫމްބާގް ރިޗް ލިސްޓުން ދައްކާގޮތުގައި، މި ބޮޑު ކުރިއެރުމާއެކު މަސްކްގެ ޖުމްލަ މިލްކިއްޔާތު މިހާރު ހުރީ 1.11 ޓްރިލިއަން ޑޮލަރުގައެވެ.
ސްޕޭސް އެކްސްގެ ހިއްސާއެއް 135 ޑޮލަރަށް ވިއްކަން ނިންމި ނަމަވެސް، ބާޒާރު ހުޅުވުނުއިރު އަގު ހުރީ 150 ޑޮލަރުގައެވެ. އަދި ވަގުތީގޮތުން 176.50 ޑޮލަރަށް އަގު އުފުލިގެން ދިޔައެވެ. ބާޒާރު ބަންދުވިއިރު ހިއްސާއެއްގެ އަގު ހުރީ 161 ޑޮލަރުގައެވެ. ސްޕޭސް އެކްސްގެ 42 އިންސައްތަ ހިއްސާ މަސްކްގެ އަތުގައި އޮތުމުން، ކުންފުނީގެ ހުރިހާ ނިންމުންތަކެއް ނިންމުމުގެ ފުރިހަމަ ބާރު އޭނާއަށް ލިބިގެންވެއެވެ.
މަސްކްގެ މި ބޮޑު މުއްސަނދިކަމާ ގުޅިގެން ދުނިޔޭގެ ސިޔާސީ މައިދާނުގައި ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައެވެ. އޭނާގެ މިލްކިއްޔާތު މިހާރު ސްވިޒަލޭންޑް ނުވަތަ ޕޯލެންޑް ފަދަ ގައުމުތަކުގެ މުޅި އިގްތިސާދާ އެއްވަރެވެ. އެމެރިކާގެ ސެނެޓަރުން ކަމަށްވާ ބާނީ ސޭންޑާސް އާއި އެލިޒަބަތު ވޮރެން ވަނީ މިއީ މުއްސަނދިންގެ އަތުން ޓެކްސް ނަގަންވީ ވަގުތުކަން ހަނދާންކޮށްދޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.
ސިޔާސީ ގޮތުން ނުފޫޒުގަދަ މަސްކް ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭނަށް އެތައް މިލިއަން ޑޮލަރެއް ހޭދަކޮށްފައެވެ. އަދި އޭނާ އިސްވެ ހުންނަވައި ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ދަށުން "ޔޫ.އެސް އެއިޑް" ބަންދުކުރުމާ ގުޅިގެން، 2030 ވަނަ އަހަރާ ހަމައަށް 14 މިލިއަނަށްވުރެ ގިނަ މީހުން މަރުވެދާނެ ކަމުގެ އިންޒާރު ސިއްހީ މާހިރުން ވަނީ ދީފައެވެ.
ސްޕޭސް އެކްސްގެ މުސްތަގުބަލާ މެދު އިންވެސްޓަރުން އުއްމީދު ބޮޑުވި ނަމަވެސް، އެ ކުންފުންޏަކީ މިހާތަނަށް ފައިދާވާ ކުންފުންޏެއް ނޫނެވެ. އާޓިފިޝަލް އިންޓެލިޖެންސް އަދި އިންފްރާސްޓްރަކްޗަރަށް ކުރާ ބޮޑު ހޭދައިގެ ސަބަބުން 2025 އަދި 2026 ވަނަ އަހަރު އެކަނިވެސް 9 ބިލިއަން ޑޮލަރުގެ ގެއްލުން އެ ކުންފުންޏަށް ލިބިފައިވެއެވެ.
ސްޕޭސް އެކްސްގެ މައިގަނޑު މަގްސަދަކީ އިންސާނުންނަށް ހަނދާއި މާސްގައި ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދީ، "ލޫނާ އިކޮނޮމީ" ނުވަތަ ހަނދުގެ އިގްތިސާދެއް ބިނާކުރުމެވެ. މިއީ ފަންނީ ގޮތުން ނުހަނު އުނދަގޫ އަދި ކާމިޔާބުވާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމެއް ކަމަށް ކުންފުނިން އަމިއްލައަށް ގަބޫލުކުރެއެވެ.
މަސްކްގެ މި ކާމިޔާބީއާ ދެކޮޅަށް ނިއުޔޯކްގެ ޓައިމްސް ސްކޮޔަރގައި މުޒާހަރާވެސް ކޮށްފައިވެއެވެ. ނަމަވެސް، އިގްތިސާދީ މާހިރުން ބުނާގޮތުގައި ސްޕޭސް އެކްސްގެ ހިއްސާގެ އަގު މިހާ ބޮޑަށް އުފުލިގެން ދިޔައީ މަސްކްގެ ދުރުވިސްނުމަށް އިންވެސްޓަރުން ކުރާ އިތުބާރެއްގެ ބޮޑުކަމުންނެވެ.









