ރަޝިއާއިން މިހާރު ސްޓާލިންކުގެ އިންޓަނެޓް ބޭނުންކޮށްގެން ޔުކްރޭނަށް ވަރަށް ވަރުގަދަ ޙަމަލާތައް ދެމުންދާ ކަމަށާއި، އެ އިންޓަރނެޓް ބޭނުންކުރަމުންދާ ޓާމިނަލްތައް ދެނެގަނެ، އެތަންތަނުގެ ސިގްނަލް ތައް ބްލޮކް ކުރުމަށްފަހު ރަޝިޔާގެ އަސްކަރިއްޔާ ފުނޑާލަން ޔުކްރޭނަށް މަގު ކޮށައިދިނުމަށް އީލޮން މަސްކާއި އެކު ޒެލެންސްކީ މަޝްވަރާ ފަށައިފިއެވެ. މި މަޝްވަރާތައް ކުރިޔަށް ގެންދަނީ އޮންލައިން ކޮށެވެ.
"ސްޓާލިންކް" ސެޓެލައިޓް އިންޓަނެޓް ބޭނުން ކޮށްގެން ރަޝިޔާއިން ޔުކްރޭނަށް ޙަމަލާ ދިނުމުގައި އެހީތެރިވެވޭ ކަމަށް ބުނެ، މޮސްކޯ ސިފައިންނަށް ސްޓާލިންކުގެ ޚިދުމަތް ހުއްޓުވުމަށް އެމެރިކާގެ ސްޕޭސްއެކްސް ކުންފުންޏާއެކު ޔޫކްރޭނުން މަސައްކަތް ކުރަމުން ދާއިރު، ރަޝިޔާ އިން މަސްކުގެ ކުންފުނީގެ އިންޓަރނެޓް ބޭނުން ކުރާ ކަމުގެ ހެކި އެބަހުރި ކަމަށް ޒެލެންސްކީގެ ސަރުކާރުން ބުނެއެވެ. ނަމަވެސް މިއީ މަހުޖަނު މަސްކު އެއްގޮތަކަށް ވެސް ދެނެހުރި ކަމެއް ނޫނެވެ.
މީގެ ކުރިން މަސްކު ބުނެފައިވަނީ، ރަޝިޔާއަށް އެއްވެސް ސްޓާލިންކް ޓާމިނަލެއް ވިއްކާފައި ނުވާނެ ކަމަށާއި، އެ ގައުމުން އެ ހިދުމަތް ބޭނުން ކުރާ ކަން އެނގިއްޖެ ނަމަ އެ ޓާމިނަލްތައް ވަގުތުން ބްލޮކް ކުރާނެ ކަމަށެވެ.
ސްޕޭސްއެކްސް އާއި ގުޅިގެން ޔޫކްރޭނުން މިހާރު ކުރަމުންދާ މަސައްކަތުގެ މައިގަނޑު ބޭނުމަކީ، ރަޝިޔާގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގައި ހުރި ސްޓާލިންކް ޓާމިނަލްތައް ދެނެގަނެ، އެ ތަކެތިން ދޭ ހިދުމަތް ކަނޑާލުމެވެ. މީގެ އިތުރުން، ތިންވަނަ ގައުމުތައް މެދުވެރިކޮށް ރަޝިޔާއިން ސްޓާލިންކްގެ ވަސީލަތްތައް ހޯދުން ހުއްޓުވުމަށް ވެސް ދަނީ މަޝްވަރާ ކުރަމުންނެވެ.
ސްޓާލިންކްގެ ހިދުމަތަކީ ޔޫކްރޭނުގެ އަސްކަރިއްޔާ އިން މުވާސަލާތު ކުރުމަށާއި، ޑްރޯން އޮޕަރޭޝަންތައް ހިންގުމަށް ބޭނުންކުރާ އެންމެ މުހިންމު ވަސީލަތެވެ. ނަމަވެސް، ރަޝިޔާއިން ވެސް މި ޓެކްނޮލޮޖީ ބޭނުން ކުރަން ފެށުމަކީ ހަނގުރާމައިގެ މައިދާނުގައި ޔޫކްރޭނަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެއް ކަމަށް އަސްކަރީ މާހިރުން ފާހަގަކުރެ އެވެ.










