އެމެރިކާގެ މަހުޖަނު އީލޮން މަސްކްގެ ފަޒާގެ ދިރާސާތަކާ ބެހޭ ކުންފުނި، ސްޕޭސް އެކްސް އަންނަ ހަފުތާގައި ހިއްސާގެ ބާޒާރަށް ނުކުންނަން ތައްޔާރުވަމުންދާއިރު، އެ ކުންފުނީގެ އަގު ކުރިން އުންމީދު ކުރިވަރަށް ވުރެ ބޮޑުވާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެމެރިކާގެ ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަނަށް ހުށަހަޅާފައިވާ ލިޔުންތަކުގައިވާ ގޮތުން، ސްޕޭސް އެކްސްގެ ހިއްސާއެއްގެ އަގު އުޅޭނީ 135 ޑޮލަރުގައެވެ. މިއާއެކު ކުންފުނީގެ ޖުމްލަ އަގު ގާތްގަނޑަކަށް 1.75 ޓްރިލިއަން ޑޮލަރަށް އަރާނެއެވެ. މިއީ މިއަހަރުގެ ކުރީކޮޅު އެ ކުންފުނީގެ އަގު ހުރި ކަމަށް ލަފާކުރި 1.25 ޓްރިލިއަން ޑޮލަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.
ހިއްސާގެ ބާޒާރަށް ނުކުތުމުގެ އެތައް ދުވަހެއް ކުރިން ހިއްސާގެ އަގު މިގޮތަށް ހާމަކުރުމަކީ އާންމުކޮށް ކުންފުނިތަކުން ކުރާ ކަމެއް ނޫނެވެ. އާންމުކޮށް މިފަދަ އަގުތައް ހާމަކުރަނީ ހިއްސާ ވިއްކަން ފެށުމުގެ އެއް ދުވަސް ކުރިންނެވެ. ސްޕޭސް އެކްސްގެ ހިއްސާ ނަސްޑާކް އިންޑެކްސްގައި ވިއްކަން ފަށާނީ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ. މި އައި.ޕީ.އޯ މެދުވެރިކޮށް 75 ބިލިއަން ޑޮލަރު ހޯދުމަށް އެ ކުންފުނިން އަމާޒު ހިފާފައިވާއިރު، މިއީ ތާރީހުގައިވެސް އައި.ޕީ.އޯ އެއްގައި ހޯދަން ކަނޑައެޅި އެންމެ ބޮޑު އަދަދެވެ.
މި ވިޔަފާރި ކާމިޔާބުވެއްޖެނަމަ، ސްޕޭސް އެކްސް ވެގެންދާނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏަށެވެ. އަދި ކުންފުނީގެ 80 އިންސައްތަ ހިއްސާ ކުރައްވާ އީލޮން މަސްކް ވެގެންދާނީ ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށެވެ.
ސްޕޭސް އެކްސްއަކީ ހަމައެކަނި ރޮކެޓް އުފައްދާ ކުންފުންޏެއް ނޫނެވެ. އެ ކުންފުނީގެ ދަށުން ސާޓާލައިޓް އިންޓަނެޓްގެ ހިދުމަތްދޭ 'ސްޓާލިންކް' އާއި އާޓިފިޝަލް އިންޓެލިޖެންސް މަސައްކަތްކުރާ 'xAI' ވެސް ހިންގައެވެ. xAI އަކީ މަޝްހޫރު 'ގްރޮކް' ޗެޓްބޮޓް އުފެއްދި ކުންފުންޏެވެ. މަސްކްގެ ތަސައްވުރަކީ ދުނިޔޭގައި ބިމުގެ ދަތިކަން ހުރުމާއެކު، ފަޒާގައި އޭއައި ސެޓެލައިޓްތަކާއި ޑޭޓާ ސެންޓަރުތައް ބިނާކުރުމެވެ.
ނަމަވެސް، މާލީ މާހިރުން ފާހަގަކުރާ ގޮތުގައި މި އިންވެސްޓްމަންޓަކީ ރިސްކު ބޮޑު ކަމެކެވެ. ވޭތުވެދިޔަ 30 އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހިއްސާގެ ބާޒާރަށް ނުކުތް ކުންފުނިތަކުގެ ދެބައިކުޅަ އެއްބައި ކުންފުނީގެ އަގު ވަނީ ފަހުން ދަށްވެފައެވެ. ސްޕޭސް އެކްސް އިން މިދިޔަ އަހަރު 18.6 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ނަމަވެސް، 4.9 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.
އެހެންނަމަވެސް، އިންވެސްޓަރުން ދެކޭގޮތުގައި ސްޕޭސް އެކްސްގެ އަގު ބޮޑުވަނީ އެ ކުންފުނީގެ މުސްތަޤުބަލުގެ ތަޞައްވުރާއި، ކުރަމުންދާ ފުޅާ މަސައްކަތްތަކުގެ ސަބަބުންނެވެ. އެޕަލް، މައިކްރޯސޮފްޓް އަދި ނިވީޑިއާ ފަދަ ބޮޑެތި ކުންފުނިތަކަށްވުރެ ވެސް މަތީ ނިސްބަތަކުން ސްޕޭސް އެކްސްގެ އަގު ކަނޑައަޅާފައިވަނީ އެ ކުންފުނީގެ މުސްތަގުބަލުގެ ފައިދާއަށް ބަލާފައެވެ.








