ޑިއުޓީގައި ހުއްޓާ ނިޔާވި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ފުލުހުން މައުލޫމާތު ދެއްވާގޮތުގައި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާޞިފް ނިޔާވީ ރޭ ދަންވަރުގެ ވަގުތެއްގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި "ޕޮލިސް ލޯންޗް 57" ގައި ހަރަކާތްތެރިވަމުންދަނިކޮށެވެ. އޭނާ ހޯދުމުގެ މަސައްކަތުގެ ތެރެއިން އޭނާ ފެނުނީ މޫދު އަޑިން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ރައީސުލްޖުމްޙޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މަޤާމުގެ ވާޖިބު އަދާކުރެއްވުމަށް، ޑިއުޓީގައި ކަނޑުމަތީގައި މަސައްކަތްކުރައްވަނިކޮށް، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާޞިފް ނިޔާވި ޚަބަރު އަޑުއެއްސެވީ ފުންހިތާމައާއެކުގައި ކަމަށެވެ. މަރްޙޫމުގެ ޢާއިލާއަށް ކެތްތެެރިކަން ދެއްވުން އެދި ދުޢާކުރައްވާ ކަމަށާއި އެ ޢާއިލާއަށާއި ދިވެހި ފުލުހުންނަށް ތަޢުޒިޔާ ދަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް އަޙްމަދު ޢާޞިފް ލެހެއްޓެވުމަށް ދުޢާ ކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.
އަޙްމަދު އާޞިފް ނިޔާވިއިރު ހުންނެވީ ސީނިއާ ސާޖަންޓްގެ މަޤާމުގައެވެ. ނަމަވެސް އޭނާގެ މަޤާމު މިހާރު ވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްއަށް ބަދަލުކުރައްވާފައެވެ.









