ހުޅުމާލެ ފޭސް 2 ގައި ބާރު މިނުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ކަހާލައިގެން ގޮސް، ކަފިހިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ ހިތިގަސް މަގުން އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެންނެވެ. މި އެކްސިޑެންޓްގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ 21:26 އެހައިކަންހާއިރުއެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ކަފިހިހުރަހުން މަގު ހުރަސްކުރަން އުޅުނު ދިވެހި ފިރިހެނަކަށެވެ. އެކްސިޑެންޓްވީ ވަގުތު އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީ، މިހާރު ދަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. ފަހަކަށް އައިސް ހުޅުމާލެ ފޭސް 2 ގައި ބާރު މިނުގައި އުޅަނދު ދުއްވުމުގެ ސަބަބުން ހިނގާ އެކްސިޑެންޓްތައް އިތުރުވަމުންދާތީ، އާންމުން މިކަމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރެއެވެ.









