މުޖުތަމައުގެ އިޖުތިމާއީ އަދި އަހުލާގީ ފޭރާމަށް ބަލާއިރު، ހެޔޮ ކަންކަމަށް އަމުރުކުރުމާއި ނުބައި ކަންކަން ނަހީކުރުމުގެ ފަރުދީ ޒިންމާ އަދާކުރުމަށް ރާއްޖޭގެ މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.
މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުތުބާ ބިނާކޮށްފައިވަނީ "ހެޔޮ ކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުން" މި މައުޟޫގެ މައްޗަށެވެ.
ހުތުބާގައި ފާހަގަކުރި ގޮތުގައި، މާތް ﷲއަށް އީމާންވުމާއި، ހެޔޮ ކަންތަކަށް އަމުރުކުރުމާއި، މުންކަރާތްތައް ނަހީކުރުމަކީ އިސްލާމްދީނުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އަދި މިއީ މާތް ﷲ ވެރިކަން ދެއްވައިފި ބައެއްގެ އެންމެ އިސް ވާޖިބުކަން ބަޔާންކުރައްވައި، ކީރިތި ގުރުއާނުގެ އާޔަތްތަކުން އެކަމުގެ ދަލީލު ދެއްވިއެވެ.
މިއަދުގެ ހުތުބާގައި ގައުމުގެ މިހާރުގެ ހާލަތަށް އަލިއަޅުވާލަމުން ބުނީ، މިއަދު ގައުމުގެ އިޖުތިމާޢީ އަދި އަހުލާގީ ފޭރާމަށް ބަލާއިރު ރަނގަޅުކުރަންޖެހޭ ބައިވަރު ކަންތައްތަކެއް އެބަހުރި ކަމަށެވެ. ވަކީން ހާއްސަކޮށް މީސްތަކުންގެ ލެޔާއި، މުދަލާއި، އަބުރު ރައްކާތެރިކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން ހުތުބާގައި ފާހަގަކުރިއެވެ.
"ކޮންމެ ފަރުދަކު ވެސް، ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމުގައި ފަރުދީ ޒިންމާ އަދާކުރާން ޖެހެއެވެ. އެ މީހަކަށް ކުޅަދާނަވީ މިންވަރަކުންނެވެ،" ޚުޠުބާގައި ބުންޏެވެ. މިކަމާ ގުޅޭގޮތުން ކީރިތި ރަސޫލާގެ ގެ ހަދީޘްފުޅެއްގެ މައްޗަށް އަލިއަޅުވާލަމުން މުންކަރާތެއް ފެނިއްޖެނަމަ އަތުން ނުވަތަ ދުލުން ނުވަތަ ހިތުން އެކަމަށް އިންކާރުކުރުމުގެ މުހިންމުކަން ވަނީ ބަޔާންކޮށްފައެވެ.
މުޖުތަމައުގައި ހިނގާ ނޭއްގާނީ އަމަލުތައް ހުއްޓުވުމަކީ ތިމާގެ އަމިއްލަ މުދަލާއި، އަނބިދަރީންގެ ސަލާމަތަށްޓަކައި ކުރެވޭ މަސައްކަތެއްކަން ސިފަކޮށްދިނުމަށް، ނަވެއްގައި ދަތުރުކުރި ބައެއްގެ މިސާލު ހުތުބާގައި ގެނެސްދީފައިވެއެވެ. ހުތުބާގައި ބަޔާންކުރި ގޮތުގައި، ނަވުގެ އަޑީގައި ތިބޭ މީހުން ނަވުގެ ފޫވައްޓާލަން އުޅޭއިރު، އެކަން ނުހުއްޓުވައިފިނަމަ މުޅި ނަވާއި އެންމެން ހަލާކުވެގެންދާނެއެވެ.
މީގެ އިތުރުން، ހަރުދަނާ އަހުލާގީ ޖީލެއް ބިނާކުރުމަށްޓަކައި މައިންބަފައިންނާއި، މުދައްރިސުންނާއި، ދީނީ އިލްމުވެރީންގެ އިތުރުން މުޖުތަމައުގެ ހުރިހާ މަސްއޫލުވެރިން އެކުގައި މަސައްކަތްކުރުމަށް ޚުޠުބާގައި ވަނީ ގޮވާލާފައެވެ.
ހުތުބާ ނިންމާލަމުން، މުޖުތަމައުގައި ހުރި ފަސާދައިގެ ދޮރުތައް ބަންދުކޮށް، އަމާން މުޖުތަމަޢެއް ބިނާކުރުމަށް ހުރިހާ ފަރާތްތަކަކުން އެއްބާރުލުން ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.









