ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު ރަހުމަތްތެރިކަމުގެ މެޗެއްގައި، މުބާރާތް ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ އެއް ޓީމު ކަމަށްވާ ފްރާންސް، އައިވަރީ ކޯސްޓް އަތުން 2-1 އިން ބަލިވެއްޖެއެވެ.
ފްރާންސްގެ ނަންޓެސްގައި މިދިޔަ ބުރާސްފަތި ދުވަހު ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ރަޔާން ޗެރްކީ ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑާއެކު ފްރާންސުން ކުރިހޯދިއެވެ. ނަމަވެސް، މެޗުގެ ފަހު ހާފުގައި އައިވަރީ ކޯސްޓުގެ ގުއެލާ ޑޫއޭ އަދި އަމަދު ޑިއާލޯ ޖެހި ލަނޑުތަކާއެކު އެ ޓީމުން ވަނީ މެޗުގެ ނަތީޖާ އަނބުރާލާފައެވެ.
މި ބަލިވުމާއެކުވެސް، ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ މިއީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށާއި، މިއީ މުބާރާތުގެ ކުރިން ލިބުނު މުހިންމު ފިލާވަޅެއް ކަމަށެވެ. މެޗަށްފަހު ވާހަކަދައްކަމުން ޑެޝޯމްޕްސް ބުނީ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް، ދެވަނަ ހާފުގައި ގެނައި ބަދަލުތަކާއެކު ކުޅުމުގެ ކޮންޓްރޯލް ގެއްލުނު ކަމަށެވެ. އަދި އައިވަރީ ކޯސްޓަކީ ބާރު ސްޕީޑްގައި ކުޅޭ ޓީމެއްކަން އޭނާ ފާހަގަކުރިއެވެ.
"މިއީ އަހަރެމެންނަށް ލިބުނު ހަނދާންކޮށްދިނުމެއް. އަހަރެމެންނަކީ ހީކުރާ ވަރަށް ވުރެ މާ މޮޅު ބައެއް ކަމަށް ހީކޮށް ފަރުވާކުޑަކޮށްލައިގެން ނުވާނެކަން މިއިން އެނގިގެން ހިނގައްޖެ،"
ފްރާންސުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް
މި މެޗުގައި ފްރާންސުން ވަނީ ތަޖުރިބާކުރުމުގެ ގޮތުން ގިނަ ބަދަލުތަކެއް ޓީމަށް ގެނެސްފައެވެ. ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު، މިދިޔަ ހަފްތާ ބަންދުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޕީ.އެސް.ޖީގެ ބައެއް ކުޅުންތެރިންނަށް މި މެޗުގައި ވަނީ އަރާމުކުރަން ފުރުސަތު ދީފައެވެ.
ފްރާންސްގެ މިޑްފީލްޑަރު އައުރެލިއަން ޗުއަމެނީ ބުނީ މިއީ ތައްޔާރުވުމުގެ މަރުހަލާ ކަމަށާއި، މި ނަތީޖާއިން ނެރޭނެ ވަކި ނިންމުމެއް ނެތް ކަމަށެވެ. "އަހަރެމެން ތިބީ ވަރަށް އިތުބާރާއެކު. މުބާރާތް ފެށޭއިރު އަހަރެމެން އޮންނާނީ ފުރިހަމައަށް ތައްޔާރުވެފައި،" އޭނާ ބުންޏެވެ.
ޖޫން 16 ވަނަ ދުވަހުގެ ރޭ ނިއުޔޯކްގައި ސެނެގާލްއާ ދެކޮޅަށް ކުޅޭ މެޗުން ފްރާންސްގެ ވޯލްޑް ކަޕް ކެމްޕޭން ފަށާއިރު، ކޯޗު ޑެޝޯމްޕްސް ވަނީ ސެނެގޯލަކީވެސް އައިވަރީ ކޯސްޓާ އެއްފަދަ ކުޅުމެއް ކުޅޭ ޓީމެއްކަމަށް ބުނެ ކުޅުންތެރިންނަށް އިންޒާރު ދީފައެވެ.









