ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗަށް ދެ ހަފުތާއަށް ވުރެ ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، އެމެރިކާގެ ވިސާ ލިބުމުގައި ދަތިތަކެއް ހުރި ނަމަވެސް، އީރާނުގެ ގައުމީ ފުޓްބޯޅަ ޓީމު އަންނަ ހޮނިހިރު ދުވަހު މެކްސިކޯގައި ހުންނަ އެ ގައުމުގެ ބޭސް ކޭމްޕަށް ދިއުމަށް ފުރާނެ ކަމަށް އިއުލާންކޮށްފިއެވެ.
އީރާނުގެ ގައުމީ ޓީމުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުން ބުދަ ދުވަހު ހާމަކުރި ގޮތުގައި، ޓީމު ތުރުކީގެ އަންޓަލްޔާއިން މެކްސިކޯގެ ޓިޖުއާނާއަށް ފުރުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 15:20 (ޖީ.އެމް.ޓީ އިން 12:20) ގައެވެ. ޓީމު މެކްސިކޯއަށް ފޯރާނީ ސްޕެއިން މަގުން ދަތުރުކޮށް، ޖޫން 7 ވާ އާދީއްތަ ދުވަހުގެ ފަތިހު 1:30 ގައެވެ.
އީރާނު ޓީމުން މިދިޔަ މަހުން ފެށިގެން ތުރުކީގައި ތަމްރީނުތައް ހަދަމުން އަންނަ އިރު، އެންމެ ފަހު ތަމްރީނު މެޗުގައި ބުރާސްފަތި ދުވަހު ނިކުންނާނީ މާލީއާ ދެކޮޅަށެވެ. އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނި ގޮތުގައި، ކޯޗުގެ ޓެކްޓިކަލް ރޭވުންތައް ސިއްރުކުރުމުގެ ގޮތުން މި މެޗު ކުޅޭނީ ސަޕޯޓަރުންނާއި މީޑިއާއަށް ނުވަދެވޭ ގޮތަށް ބަންދު ދޮރުގެ ފުރަގަހުގައެވެ.
މި ތަމްރީނުތައް ކުރިއަށްދަނީ ފެބްރުއަރީ 28 އިން ފެށިގެން އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ނުތަނަވަސްކަމުގެ ތެރޭގައެވެ. އީރާނުގެ ސިއްހީ ވުޒާރާއިން ބުނާ ގޮތުގައި އެމެރިކާ އާއި އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް އީރާނުގެ 3,468 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.
ވިސާގެ މައްސަލައިގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، އީރާނުގެ ރިވޮލިއުޝަނަރީ ގާޑް (އައި.އާރު.ޖީ.ސީ) އާ ގުޅުން އޮތް އެއްވެސް މީހަކު ކުޅިވަރުގެ ވަފުދުގެ ތެރޭގައި ހިމެނިގެން އެމެރިކާއަށް އެތެރެވުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. މީގެ ކުރިން އީރާނުގެ ފެޑެރޭޝަންގެ ރައީސް މެހްދީ ތާޖް ކެނެޑާއަށް އެތެރެވާން އުޅުމުން، އޭނާއަކީ އައި.އާރު.ޖީ.ސީ އާ ގުޅުން އޮތް މީހެއް ކަމަށް ބުނެ ކެނެޑާގެ އިމިގްރޭޝަނުން ވަނީ އޭނާ އަނބުރާ ފޮނުވާލާފައެވެ.
އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ މި އަހަރުގެ ވޯލްޑް ކަޕްގައި އީރާނު ހިމެނެނީ ގްރޫޕް 'ޖީ' ގައެވެ. އީރާނުގެ ފުރަތަމަ ދެ މެޗުގައި ޖޫން 15 އަދި 21 ގައި ނިއުޒީލަންޑާއި ބެލްޖިއަމާ ދެކޮޅަށް އެމެރިކާގެ ލޮސް އެންޖެލިސްގައި ކުޅޭއިރު، ގްރޫޕްގެ ފަހު މެޗުގައި ޖޫން 26 ގައި އީޖިޕްޓާ ދެކޮޅަށް ނުކުންނާނީ ސިއެޓްލްގައެވެ.









