ގދ. ފަރެސްމާތޮޑާގައި ތަރައްޤީކުރި ފުޓްބޯޅަ ދަނޑުގެ ހުރިހާ މަސައްކަތްތަކެއް ނިންމާލައިފިކަމަށް މި މަޝްރޫއުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއަކީ ޖުމްލަ 8,778,781 ރުފިޔާގެ މަޝްރޫއެކެވެ. މިދިޔަ މޭ މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށި މި މަޝްރޫއަކީ ފަރެސްމާތޮޑާގެ ކުޅިވަރު އިންފްރާސްޓްރަކްޗާ ވަރުގަދަކުރުމަށްޓަކައި ސަރުކާރުން ހިންގި މުހިންމު މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ފަރެސްމާތޮޑާގައި ވަނީ ފީފާގެ މިންގަނޑުތަކަށް ފެތޭ ފެންވަރުގެ ޓާފެއް އަޅައި، ގޯލް ޕޯސްޓުތައް ހަރުކޮށްފައެވެ. މީގެ އިތުރުން ދަނޑުގެ ވަށައިގެން ފެންސު ޖެހުމުގެ މަސައްކަތާއި، ކުޅުންތެރިންނާއި އޮފިޝަލުންނަށް ބޭނުންވާނެ 4 ބެންޗު ބެހެއްޓުމުގެ މަސައްކަތްވެސް މިހާރު ވަނީ މުޅިން ނިންމާލާފައެވެ.
މި ދަނޑުގެ މަސައްކަތްތައް އެއްކޮށް ނިމިފައިވީ ނަމަވެސް، ދަނޑު ރަސްމީކޮށް ހުޅުވާނެ ތާރީހެއް ސަރުކާރުން އަދި މިހާތަނަށް އިޢުލާނެއް ނުކުރެއެވެ.
ސަރުކާރުން އަންނަނީ ރަށްރަށުގެ ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފަރެސްމާތޮޑާގައި މި ނިމުނު ފުޓްބޯޅަ ދަނޑަކީ އެ ރަށުގެ ޒުވާނުންނަށް ކުޅިވަރުގެ ދާއިރާއިން ކުރިއަށްދިއުމަށް ލިބިގެންދާނެ ބޮޑު ފުރުސަތެކެވެ.









