މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަށް ނިމިދިޔަ މެއި މަހު މަސްވެރިން ކިރުވި މަހަށް 31 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި އެވެ.
މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މެއި މަހުގެ ތެރޭގައި 693 ދޯންޏަކުން ޖުމްލަ 1,791 ޓަނުގެ މަސް ވަނީ ކިރުވާފައެވެ. މި މަހަށް ޖުމްލަ 31,081,853 ރުފިޔާ މަސްވެރިންނަށް ވަނީ ދޫކޮށްފަ އެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އޭޕްރީލް މަހާ އަޅާބަލާއިރު މެއި މަހު މަސް ކިރުވި މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އޭޕްރީލް މަހު 1,068 ދޯންޏަކުން 4,414 ޓަނުގެ މަސް ކިރާފަވެ އެވެ. މެއި މަހު މަސްވެރިކަން ދަށްވި މައިގަނޑު ސަބަބަކީ އެ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފެށުމާއި، މަހުގެ ފަހުކޮޅު އީދު ބަންދާ ދިމާވުމުން މަހަށް ނިކުތް ދޯނިފަހަރު މަދުވުމެވެ.
މެއި މަހު މަސް ކިރުވި ތަފްސީލު:
- ކަޅުބިލަމަސް: 367 ދޯންޏަކުން 1,708.9 ޓަނު ކިރުވި (29,063,153 ރުފިޔާ)
- ކަންނެލި (10 ކިލޯއިން މަތި): 109 ދޯންޏަކުން 6.9 ޓަނު ކިރުވި (138,000 ރުފިޔާ)
- ކަންނެލި (15 ކިލޯއިން މަތި): 217 ދޯންޏަކުން 75.2 ޓަނު ކިރުވި (1,880,700 ރުފިޔާ)
މިސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދެއްވާއިރު، މިހާރު މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމުންދާކަން ފާހަގަކުރެވެ އެވެ. މީގެ އިތުރުން، މަސްވެރިންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ރާއްޖޭގެ 9 ސަރަހައްދަކުން ހާއްސަ އަގެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.
ފިޝަރީސް މިނިސްޓަރީން ފާހަގަކުރި ގޮތުގައި، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެންވެސް މަސްވެރިންނަށް ދަތިނުވާނެހެން ކަންކަން ވަނީ އިންތިޒާމުކޮށްފަ އެވެ. އެގޮތުން މިދިޔަ މަހުގެ 19 އާ ހަމައަށް 2.5 މިލިޔަން ލީޓަރަށްވުރެ ގިނަ ތެޔޮ މަސްވެރިންނަށް ވަނީ ދޫކޮށްފަ އެވެ. ސަރުކާރުގެ އަމާޒަކީ މަސްވެރިކަމަކީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަށް ހަދައި، މަސްވެރިންނަށް ގަވާއިދުން ފައިސާ ލިބޭނެކަން ކަށަވަރުކޮށްދިނުމެވެ.









