ރާއްޖޭގައި ހިމަބިހި (މީސަލްސް) ފެތުރެމުންދާ މިންވަރު އިތުރުވެ، މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 11 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.
އެޗްޕީއޭއިން ބުނިގޮތުގައި، ވޭތުވެދިޔަ ހަފުތާގެ ތެރޭގައި މާލެ ސަރަހައްދުން އިތުރު ދެ މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފަ އެވެ. މި ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާއިރު، ބައްޔަށް ޕޮޒިޓިވްވި މީހުންނާ ބައްދަލުވި (ކޮންޓެކްޓްވި) މީހުންގެ އަދަދު މިހާރު ވަނީ 152 އަށް އަރާފަ އެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެޗްޕީއޭއާ ގުޅިގެން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެގޮތުން ހިމަބިހި ކަމަށް ޝައްކުކުރެވޭ މީހުންނަށް ހާއްސަކޮށްގެން ހޮސްޕިޓަލްތަކުގައި ވަކި ޑެސްކުތަކެއް ގާއިމުކޮށް، ހިދުމަތް ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ އެވެ.
ހިމަބިއްސަކީ ކޮވިޑް-19، އެބޯލާ، ޓީބީ އަދި ފުލޫ ފަދަ ބަލިތަކަށްވުރެވެސް ހަލުވިކޮށް ގައިންގަޔަށް އަރާ ބައްޔެކެވެ. ރާއްޖޭގެ އަވައްޓެރި ގައުމުތައް ކަމަށްވާ އިންޑިއާ އާއި ބަންގްލަދޭޝްގައިވެސް މި ބަލި މިހާރު ދަނީ ވަރަށް ހަލުވިކަމާއެކު ފެތުރެމުންނެވެ.
މި ބަލިން ރައްކާތެރިވުމަށްޓަކައި، ހުން އައުމާއެކު ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި، ހޮސްޕިޓަލަށް ދާއިރު މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ އާމުންނަށް އިލްތިމާސްކޮށްފަ އެވެ. އަދި ބައްޔަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ތިބުމަށާއި، ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށްވެސް އެޗްޕީއޭއިން ވަނީ އަންގާފަ އެވެ.
މި ބަލިން ރައްކާތެރިވުމަށް އޮތް އެންމެ މުހިންމު ފިޔަވަޅަކީ ހިމަބިހިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުންކަމަށް ސިއްހީ މާހިރުންނާއި އެޗްޕީއޭއިން ފާހަގަކުރި އެވެ. އެހެންކަމުން، މިހާތަނަށް ވެކްސިން ފުރިހަމަނުކުރާ ފަރާތްތަކުން ވީއެންމެ އަވަހަކަށް ވެކްސިން ޖެހުމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބާރުއަޅާފަ އެވެ.









