ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ސަޕްލިމަންޓަރީ ބަޖެޓަކާ ނުލައި ދައުލަތުގެ ޚަރަދުތައް ހަމަޖެއްސި ހަމައެކަނި އަހަރަކީ 2025 ވަނަ އަހަރު ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ހާމަކޮށްފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ މާލީ ހާލަތު ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
މިނިސްޓްރީން ނެރުނު "ބަޖެޓު ނަތީޖާގެ ބަޔާން 2025" ގައިވާ ގޮތުން، 2025 ވަނަ މާލީ އަހަރު ނިމިގެން ދިޔައީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގެ ތެރެއިން ހުރިހާ ޚަރަދެއް ހަމަޖައްސައިގެންނެވެ. 2021 ވަނަ އަހަރުން ފެށިގެން ޖެހިޖެހިގެން ހަތަރު އަހަރު ބަޖެޓު ސަޕްލިމަންޓު ކޮށްފައިވާއިރު، މިއީ ފަސް އަހަރުގެ ތެރޭގައި މަޖިލީހުން ފާސްކުރި މިންވަރުގައި ބަޖެޓު ހިފެހެއްޓުނު ފުރަތަމަ ފަހަރެވެ.
މި ކާމިޔާބީގެ މައިގަނޑު ސަބަބަކީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށާއި، ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށް ސަރުކާރުން ގެންގުޅުނު ހަރުދަނާ ސިޔާސަތުތަކެވެ. މިގޮތުން ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށާއި، އިސްލާހީ ފިޔަވަޅުތަކުގެ ސަބަބުން އާންމުންނަށް ކުރާ އަސަރު ކުޑަކުރުމަށް އިޖުތިމާއީ ރައްކާތެރިކަމުގެ ޚިދުމަތްތަކާއި ސަބްސިޑީތަކަށް ސަރުކާރުން ވަނީ ހާއްސަ އިސްކަމެއް ދީފައެވެ.
އާމްދަނީ އާއި ފަތުރުވެރިކަން:
2025 ވަނަ އަހަރުގެ ބަޖެޓުގައި ލިބޭނެ ކަމަށް ލަފާކުރި 39.8 ބިލިއަން ރުފިޔާގެ ބަދަލުގައި، އަހަރު ނިމުނުއިރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 39.9 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އަންދާޒާކުރި މިންވަރަށްވުރެ 74.4 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމުން ވެސް ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން 2,246,516 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު (ބެޑް ނައިޓްސް) ވަނީ ލަފާކުރި މިންވަރަށްވުރެ އިތުރުވެފައެވެ.
ޚަރަދު ކުޑަކުރުމާއި ޑެފިސިޓް:
ޚަރަދުތައް ކުޑަކުރުމަށްޓަކައި ބަޖެޓު ތަންފީޒުކުރުމުގެ ކޮންޓްރޯލްތައް ހަރުދަނާކޮށް، ޕީ.އެސް.އައި.ޕީ މަޝްރޫއުތައް ހިންގާ އުސޫލަށް ގެނައި ބަދަލާއެކު، ޚަރަދު ވަނީ 44.2 ބިލިއަން ރުފިޔާގައި ހިފެހެއްޓިފައެވެ. މިއީ ބަޖެޓުކުރި 49.2 ބިލިއަން ރުފިޔާއަށްވުރެ 5.0 ބިލިއަން ރުފިޔާ މަދު އަދަދެކެވެ. މީގެ އިތުރުން، ފިސްކަލް ޑެފިސިޓް ވެސް ވަނީ 9.4 ބިލިއަން ރުފިޔާއިން 4.4 ބިލިއަން ރުފިޔާއަށް ތިރިކުރެވިފައެވެ. މިއީ ފާއިތުވި ހަ އަހަރުގެ ތެރޭގައި އެންމެ ދަށް ފިސްކަލް ޑެފިސިޓް ރެކޯޑުކުރެވުނު އަހަރެވެ.
ދަރަންޏާއި މާލީ ކުރިމަގު:
2025 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ދަރަނި ހުރީ 154.9 ބިލިއަން ރުފިޔާގައެވެ. މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން 129.8 އިންސައްތައެވެ. އެ އަހަރުގެ ތެރޭގައި ދަރަނީގެ މުއާމަލާތްތަކަށް ސަރުކާރުން ވަނީ 10.1 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ.
މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މި އުުންމީދީ ނަތީޖާތަކަކީ ސަރުކާރުން އެކަށައެޅި ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކާއި އާމްދަނީ އިތުރުކުރުމުގެ ސިޔާސަތުތަކުގެ ކާމިޔާބީއެވެ. މިކަމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް އޮތް ޕްރެޝަރު ކުޑަވެ، ބަޖެޓުގެ އިތުބާރު ވަނީ ބޮޑުވެގެން ގޮސްފައެވެ.









