ލުބުނާނުގެ ދެކުނުގެ ސަރަޙައްދުތަކަށާއި އިސްރާއީލުގެ އުތުރުގެ ސަރަޙައްދުތަކުގައި ހުރި އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް، ހިޒްބުﷲ ޖަމާޢަތުން ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. މިދިޔަ ހޯމަ ދުވަހު ދިން މި ޙަމަލާތަކަކީ އިސްރާއީލުން ޙަމަލާ ހުއްޓާލުމުގެ އެއްބަސްވުމާ ތަކުރާރުކޮށް ޚިލާފުވެ، ލުބުނާނުގެ އާންމުންނަށް ދެމުންދާ ޙަމަލާތަކަށް ދިން ރައްދެއް ކަމަށް އެ ޖަމާޢަތުން ބުނެއެވެ.
ހިޒްބުﷲ އިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، އެއްދުވަސް ތެރޭގައި ޖުމްލަ 41 އަސްކަރީ އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ. މި ޙަމަލާތައް އަމާޒުކޮށްފައިވަނީ އިސްރާއީލުގެ ސިފައިން ޖަމާވެފައި ތިބި ތަންތަނަށާއި، "އަޔަން ޑޯމް" ވައިގެ ދިފާޢީ ނިޒާމުތަކުގެ އިތުރުން އުތުރުގެ ވަޒަންވެރިން އުޅޭ ސަރަޙައްދުތަކަށެވެ. މި ޙަމަލާތައް ދިނުމުގައި ގިނަ އަދަދެއްގެ ރޮކެޓާއި ޑްރޯން ބޭނުންކޮށްފައިވާ ކަމަށް އެ ޖަމާޢަތުން މަޢުލޫމާތު ދެއެވެ.
އުތުރު އިސްރާއީލުގެ ކިރްޔަތު ޝްމޯނާ، މައަލޮޓް-ތަރްޝީހާ އަދި ވައިގެ ދިފާޢީ ކޮންޓްރޯލް ބޭހަކަށް ރޮކެޓް ޙަމަލާތަކެއް އަމާޒުކޮށްފައިވާއިރު، ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯންއެއް ބޭނުންކޮށްގެން އަޔަން ޑޯމް މިސައިލް ފޮނުވާ އާލާތަކަށް ސީދާ ޙަމަލާދީފައިވާ ކަމަށް ހިޒްބުﷲ އިން ބުނެއެވެ.
މީގެ އިތުރުން، ލުބުނާނުގެ ދެކުނު ބޯޑަރު ސަރަޙައްދުގެ އަވަށްތަކަށް ވަދެގަންނަން މަސައްކަތްކުރާ އިސްރާއީލުގެ އިސްތިޢުމާރީ ސިފައިންނާ ދެކޮޅަށް ވަރުގަދަ ކުރިމަތިލުންތަކެއް ވަނީ ހިނގާފައެވެ. ޚާއްޞަކޮށް ދިއްބީން، އަލް-ގަންތަރާ، ޔަހްމޯރު އަލް-ޝަޤީފް އަދި ބިއުފޯޓް ކާސަލް ކައިރީގައި އިސްރާއީލުގެ އަސްކަރީ އުޅަނދުތަކަށާއި ސިފައިންނަށް އަމާޒުކޮށް ކޮޅުފިއްތައިގެން ވަނީ ޙަމަލާދީފައެވެ.
މި ޙަމަލާތަކަކީ ލުބުނާނުގެ ރައްޔިތުންނާއި ބިމުގެ ދިފާޢުގައި ދެމުންދާ ޙަމަލާތަކެއް ކަމަށާއި، އިސްރާއީލުން އެއްބަސްވުންތަކާ ޚިލާފުވާހާ ހިނދަކު ރައްދު ދެމުންދާނެ ކަމަށް ހިޒްބުﷲ އިން ވަނީ ބުނެފައެވެ.









