ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ އިބޯލާގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ "ބަންޑިބުގްޔޯ" ކޮންޓްރޯލް ކުރުމަށްޓަކައި، ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ސައިންސްވެރިން ވަރަށް ބާރުމިނުގައި ފަށައިފިއެވެ. މިހާތަނަށް މި ބަލީގައި 250 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ބަލި ފެތުރުން ހުއްޓުވުމަށް އާ ވެކްސިންތަކެއް ބޭނުންވާކަން ވަނީ ކަށަވަރުވެފައެވެ.
މި ވެކްސިންތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދަނީ އޮކްސްފޯޑް ޔުނިވަރސިޓީ، މޮޑާނާ ކުންފުނި އަދި އިންޓަރނޭޝަނަލް އެއިޑްސް ވެކްސިން އިނިޝިއޭޓިވް (އައިއޭވީއައި) އިންނެވެ. މި މަޝްރޫއުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެނީ ކޯލިޝަން ފޯ އެޕިޑެމިކް ޕްރިޕެއާޑްނަސް އިނޮވޭޝަންސް (ސީއީޕީއައި) އިންނެވެ. އެ ޖަމްއިއްޔާގެ ސީ.އީ.އޯ ޑރ. ރިޗަޑް ހެޗެޓް ވިދާޅުވި ގޮތުގައި، ބަލި ފެތުރުން ހުއްޓުވުމަށްޓަކައި މިހާރު ކޮންމެ ދުވަހަކީވެސް ނުހަނު މުހިންމު ދުވަހެކެވެ.
މިހާތަނަށް ކޮންގޯއިން 1,000 އަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭއިރު، ޔުގެންޑާއިން ވެސް ވަނީ ބަލިޖެހިފައިވާ ނުވަ މީހަކު ފެނިފައެވެ. ސިއްހީ މާހިރުން ކަންބޮޑުވަނީ 2014 އިން 2016 އަށް ހުޅަނގު އެފްރިކާގައި ފެތުރުނު އިބޯލާގެ އެންމެ ނުރައްކާތެރި ރޯގާއަށްވުރެ މިފަހަރުގެ ހާލަތު ގޯސްވެދާނެތީއެވެ. އެފަހަރު 11,000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
Advertisement

އިބޯލާގެ ތަފާތު ހަ ބާވަތެއް ހުންނައިރު، މިހާރު ފެތުރެމުންދާ ބަންޑިބުގްޔޯ ބާވަތަށް އަދި ރަސްމީކޮށް ހުއްދަދީފައިވާ ވެކްސިނެއް ނެތެވެ. "މިހާރު ފެތުރެމުންދާ ބާވަތަކީ ވަރަށް ނުރައްކާތެރި ބާވަތެއް. މީގެ ކުރިން މި ބާވަތް ފެނިފައިވަނީ އެންމެ ދެ ފަހަރު،"އައިއޭވީއައިގެ ވެރިޔާ ޑރ. މާކް ފީންބާގް ވިދާޅުވިއެވެ.
މިހާރު ތައްޔާރުކުރަމުންދާ ވެކްސިންތަކުގެ ތެރެއިން އޮކްސްފޯޑްގެ ވެކްސިން ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ކްލިނިކަލް ޓްރަޔަލްތަކަށް ތައްޔާރުވާނެ ކަމަށް ބެލެވެއެވެ. އަދި މޮޑާނާއިން މަސައްކަތް ކުރަމުންދަނީ ކޮވިޑް ވެކްސިން ތައްޔާރުކުރުމަށް ބޭނުންކުރި އެމްއާރުއެންއޭ ނަމަކަށް ކިޔާ ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރިއޭސަސް ވިދާޅުވީ، އާ ވެކްސިނެއް ތައްޔާރުކުރެވުމަކީ މި ރޯގާ ކޮންޓްރޯލް ކުރުމަށާއި ކުރިއަށް އޮތް ތަނުގައި ކުރިމަތިވެދާނެ މިފަދަ ހާލަތްތަކަށް ތައްޔާރުވުމަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށެވެ. މެޑިސިންސް ސެންސް ފްރޮންޓިއާސް (އެމްއެސްއެފް) އިން ވެސް ވަނީ މި ހާލަތަކީ "އިންތިހާއަށް ކަންބޮޑުވާންޖެހޭ" ހާލަތެއްގެ ގޮތުގައި ސިފަކޮށްފައެވެ.







