ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) ގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި އިބޯލާ ވައިރަހަށް ފަރުވާ ހޯދުމަށްޓަކައި ޚާއްޞަ ކްލިނިކަލް ޓްރަޔަލްތަކެއް ފަށާފައިވާކަން ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން އިޢުލާންކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރެޔޭސަސް ވިދާޅުވީ، މި ޓްރަޔަލްގައި ފުރަތަމަ ބަލިމީހާ މިހާރު ބައިވެރިކޮށްފައިވާ ކަމަށެވެ. މިހާތަނަށް ކޮންގޯއިން 1,400 އަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާއިރު، 438 މީހުން ވަނީ މަރުވެފައެވެ.
މިހާރު ފެތުރެމުންދަނީ އިބޯލާގެ "ބުންޑިބުގްޔޯ" ނަމަކަށް ކިޔާ ވައިރަހުގެ ބާވަތެކެވެ. މިއީ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބާވަތެއް ނަމަވެސް، މިއަށް ހާއްސަ ވެކްސިނެއް ނުވަތަ ފަރުވާއެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ.
ޑަބްލިއުއެޗްއޯ އިން އިސްނަގައިގެން ކުރިއަށްގެންދާ މި ޓްރަޔަލް ކޯޑިނޭޓް ކުރަނީ ކޮންގޯގެ އިންސްޓިޓިއުޓް ނޭޝަނަލް ޑި ރެޗަރޗް ބަޔޯމެޑިކަލް އާއި، ބެލްޖިއަމްގެ އިންސްޓިޓިއުޓް އޮފް ޓްރޮޕިކަލް މެޑިސިން އަދި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީ ގުޅިގެންނެވެ. މި ޓްރަޔަލްގައި ބަލިމީހުންނަށް ދެ އެންޓިވައިރަލް ބޭހެއް ޓެސްޓުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮންގޯގެ ހެލްތު މިނިސްޓަރު ޑރ. ސާމިއުލް ރޮޖާ ކަމްބާ ވިދާޅުވީ، މި ޓްރަޔަލް ފެށުމަކީ ބަލިމީހުންނަށާއި އެމީހުންގެ އާއިލާތަކަށް ލިބުނު ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. މިއަހަރުގެ މެއި މަހުން ފެށިގެން ފެތުރެން ފެށި މި ބަލިމަޑުކަން މިހާރު ވަނީ ޕަބްލިކް ހެލްތު އިމަޖެންސީއެއްގެ ގޮތުގައި ކަނޑައަޅާފައެވެ. ޖުލައި 1 އާ ހަމައަށް ކޮންގޯއިން 1,460 މީހުންނަށް ބަލި ޖެހިފައިވާކަން ކަށަވަރުވެފައިވާއިރު، ޔުގެންޑާ އިން 20 ކޭސް އަދި ފްރާންސުން އެއް ކޭސް ވަނީ ފެނިފައެވެ.
އިބޯލާ ވައިރަހަކީ އިންސާނާގެ ދިފާޢީ ނިޒާމަށާއި ގުނަވަންތަކަށް ހަމަލާދޭ ވައިރަހެކެވެ. މިއީ އާންމުކޮށް ވާލުގެ ޒަރީއާއިން ޖަނަވާރުންގެ ގަޔަށް އަދި ޖަނަވާރުންގެ ފަރާތުން އިންސާނުންގެ ގަޔަށް ފެތުރޭ ބައްޔެކެވެ. މި ބަލި ފެތުރެނީ ލެޔާއި ހަށިގަނޑުން ބޭރުވާ އެހެނިހެން ދިޔަވަރުގެ ޒަރީއާއިންނެވެ.
މި ބަލިމަޑުކަން މިހާރު އެންމެ ބޮޑަށް ފެތުރިފައިވަނީ ކޮންގޯގެ އިރުމަތީ ތިން ޕްރޮވިންސެއް ކަމަށްވާ ސައުތު ކިވޫ، ނޯތު ކިވޫ އަދި އިޓޫރީގައެވެ. ނަމަވެސް، އިޓޫރީގައި މަރުވި މާބަނޑު އަންހެނެއްގެ ހަށިގަނޑު ސައިކަލެއްގައި ޓްޝޯޕޯ ޕްރޮވިންސަށް ގެންދިޔަ ފަހުން، އެމީހާގެ ހަށިގަނޑުން އިބޯލާ ފެނިފައިވާތީ ބަލި އިތުރަށް ފެތުރިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. މީގެ އިތުރުން ބައްޔަށް ޝައްކުކުރެވޭ މީހަކު އެކަހެރިކޮށްފައި ހުރި ތަނަކުން ފިލައިގެން ދިއުމާ ގުޅިގެން، ކޮންގޯގެ ބައެއް ސަރަހައްދުތަކުގައި މިހާރު ވަނީ މީހުން އެއްވެ އުޅުން މަނާކޮށްފައެވެ.









