ވޯލްޑް ކަޕްގެ ގްރޫޕް ކޭގައި މިރޭ ކުޅުނު މެޗުގައި، ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރެއްގެ ގޮތުގައި ބެލެވޭ ޕޯޗުގަލް، ޑީއާރު ކޮންގޯއާ ވާދަކޮށް 1-1 އިން އެއްވަރުވެ، މުބާރާތުގެ ފެށުން ގޯސްވެއްޖެއެވެ. ފަސޭހަކަމާއެކު މޮޅުވާނެ ކަމަށް ބެލެވުނު މި މެޗުގައި ޕޯޗުގަލްގެ ފަރާތުން ފެނުނު ދަށް ކުޅުމުގެ ސަބަބުން، އެ ޓީމަށް ތަށި ހޯދިދާނެތޯ މިހާރު ވަނީ ސުވާލު އުފެދިފައެވެ.
މެޗު ފެށިގެން ހަވަނަ މިނެޓުގައި ޔޮއާއޯ ނެވޭސް ޖަހައިދިން ލަނޑާއެކު ޕޯޗުގަލުން އުއްމީދީ ފެށުމެއް ހޯދިއެވެ. ނަމަވެސް، މި ލަނޑަށްފަހު މެޗު ކޮންޓްރޯލް ކުރުމުގެ ބަދަލުގައި ޕޯޗުގަލްގެ ކުޅުން ފެނުނީ ވަރަށް އާދައިގެ ގޮތަކަށެވެ. މެޗުގެ 13 ވަނަ މިނެޓުގައި ބެނާޑޯ ސިލްވާއަށް ބޭކާރު ރީނދޫ ކާޑެއް ދެއްކުމާއެކު، ޕޯޗުގަލްގެ ރިދަމް ގެއްލި، ކުޅުންތެރިންގެ ފަރާތުން ކަންނެތްކަން ފެންނަން ފެށިއެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި (5+45) ކޮންގޯގެ ޔަަނިކް ވިސާ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އާތަރ މަސުއާކޫ ތަނަވަސްކޮށްދިން ފުރުސަތަކުން ވިސާ މި ލަނޑު ޖެހިއިރު، ޕޯޗުގަލްގެ ޑިފެންޑަރުން ތިބީ ވަރަށް ބޮޑަށް "ނިދާފައެވެ".
މި މެޗުގައި ޕޯޗުގަލް ފެއިލްވި މައިގަނޑު ސަބަބުތަކަށް ބަލާއިރު، ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ނުކުރެވުމާއި، ޑިފެންސްލައިނުން ހެދި ގޯސްތައް ފާހަގަކޮށްލެވެއެވެ. ވަކިން ހާއްސަކޮށް، މެދުތެރެއާއި ކުރިމަތީލައިން ގުޅުވައިދޭނެ އުފެއްދުންތެރި ކުޅުމެއް ނުފެނުމަކީ ދަށް ކުޅުމެއް ފެނުނު އެންމެ ބޮޑު އެއް ސަބަބެވެ.
މީގެ އިތުރުން، ޕޯޗުގަލްގެ ކުޅުންތެރިން މެޗަށް ނުކުތީ މާ ބޮޑަށް އިތުބާރު ބޮޑުވެ، ފަސޭހަކޮށްލައިގެން ތިބެގެން ކަން މެޗުން އެނގިގެންދިޔައެވެ. މިއާ ހިލާފަށް، ޑީއާރު ކޮންގޯއިން ދެއްކީ ހިތްވަރުގަދަ، ކުޅުމެކެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން ތިބި ޓީމަކުން، ކޮންގޯ ފަދަ ޓީމަކާ އެއްވަރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ރޮނާލްޑޯއާއި ޕޯޗުގަލްގެ ދެން ތިބި ކުޅުންތެރިން ކުރިއަށް ހުރި މެޗުތަކުގައި މިއަށްވުރެ ބޮޑަށް ހިތްވަރު ނުލައިފިނަމަ، މުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓައިގެން ދިއުމުގެ ބިރު އެބައޮތެވެ. މި ފެނުނު ކުޅުމަށް ބަލާއިރު، ޕޯޗުގަލަށް މިފަހަރު ތަށީގައި އަތްލުމަކީ ދުރުގައި އޮތް ކަމެކެވެ.









