ޕޯޗުގަލްގެ އާންމު ތަންތަނުގައި މޫނު ނިވާކުރުން މަނާކުރާ ގާނޫނު އެ ގައުމުގެ ރައީސް އެންޓޯނިއޯ ޖޯސޭ ސެގޫރޯ ތަސްދީގުކުރައްވައިފިއެވެ.
މީޑިއާތަކުން "ބުރުގާ ގާނޫނު" ގެ ނަމުން ނަންދީފައިވާ މި ގާނޫނަކީ މުސްލިމް އަންހެނުން މޫނު ނިވާކުރުމަށް ބޭނުންކުރާ ނިގާބާއި ބުރުގާއަށް އަމާޒުކޮށްގެން ހަދާފައިވާ ގާނޫނެއް ކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ.
މި ގާނޫނުގެ ދަށުން އާންމު ތަންތަނުގައި މޫނު ނިވާކޮށްގެން އުޅޭ މީހުން 150 ޔޫރޯއާއި 3,000 ޔޫރޯއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ނަމަވެސް ސިއްހީ ސަބަބުތަކަށްޓަކައި، މަސައްކަތުގެ މާހައުލުގައި، ފަންނީ ނުވަތަ ކުޅިވަރުގެ ހަރަކާތްތަކުގައި އަދި މޫސުމީ ސަބަބުތަކަށްޓަކައި މޫނު ނިވާކުރުން މި ގާނޫނުން އިސްތިސްނާވެއެވެ. މީގެ އިތުރުން އަޅުކަންކުރާ ތަންތަނާއި، ޑިޕްލޮމެޓިކް މިޝަންތަކާއި، މަތިންދާބޯޓުތަކުގެ އެތެރޭގައި މި ގާނޫނެއް ނުހިނގާނެއެވެ. އަދި ވަކި ޖިންސަކަށް، ދީނަކަށް، އުމުރަކަށް ނުވަތަ ނަސްލަކަށް ނިސްބަތްވާތީ މީހަކަށް މަޖުބޫރުކޮށްގެން މޫނު ނިވާކުރުވުމަކީވެސް މި ގާނޫނުގެ ދަށުން ކުށެކެވެ.
ރައީސް ސެގޫރޯ ވިދާޅުވީ މިއީ އިޖުތިމާއީ އެކުވެރިކަމާއި، ޖިންސީ ހަމަހަމަކަމާއި، އާންމު ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން ބޭނުންވާ ގާނޫނެއް ކަމަށެވެ.
އެހެންނަމަވެސް އިދިކޮޅު ޕާޓީތަކުން ވަނީ މި ގާނޫނު ކުށްވެރިކޮށް، މީގެ ސަބަބުން އިސްލާމޯފޯބިއާއާއި (އިސްލާމްދީނަށް ނަފުރަތުކުރުން)، ނަސްލީ ތަފާތުކުރުންތަކަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށް ބުނެފައެވެ.
އިދިކޮޅު ޕާޓީތަކުގެ އިތުރުން ޕޯޗުގަލްގެ ބާ އެސޯސިއޭޝަނާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ ހައި ކައުންސިލާއި، އަންހެން ގާނޫނީ ވަކީލުންގެ ޖަމިއްޔާއިން ވަނީ މި ގާނޫނުގެ ދުސްތޫރީ ސައްހަކަމާމެދު ސުވާލުއުފައްދައި ކަންބޮޑުވުން ފާޅުކޮށްފައެވެ.









