ފީފާ ވޯލްޑް ކަޕްގެ ގަދަ 32 ޓީމު ކުޅުނު ބުރުގައި، ކްރޮއޭޝިއާއާ ދެކޮޅަށް ޕޯޗުގަލް ރޭ ފަތިހު ކުޅުނު މުހިންމު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޕެނަލްޓީ ޖެހުމުގެ ކުރިން "ބިސްމިﷲ" ކިޔާ މަންޒަރު ފެނި، ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓިއްޖެއެވެ.
މެޗުގެ 68 ވަނަ މިނެޓުގައި ޕޯޗުގަލްއަށް ލިބުނު މި ޕެނަލްޓީ ޖެހުމުގެ ކުރިން، ރޮނާލްޑޯ ތިން ފަހަރަކު "ބިސްމިﷲ" ކިޔާ މަންޒަރު ކައިރިން ނަގާފައިވާ ވީޑިއޯ ކްލިޕްތަކުން ވަރަށް ސާފުކޮށް ފެނެއެވެ. ރޮނާލްޑޯ ވަނީ ވަރަށް ހަމަޖެހިލައިގެން އެ ޕެނަލްޓީ ކާމިޔާބުކޮށް، މެޗުގެ ނަތީޖާ 1-1 އަށް ބަދަލުކޮށްފައެވެ.
މި މެޗު ޕޯޗުގަލްއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ޕޯޗުގަލް މޮޅުވި ލަނޑު އެ ޓީމަށް ޖަހައިދިނީ ގޮންޒާލޯ ރާމޯސްއެވެ.
ސޯޝަލް މީޑިއާގައި މިހާރު ވަރަށް ބޮޑަށް ދައުރުވަމުންދާ މި ވީޑިއޯއާ ގުޅިގެން، ގިނަ އަދަދެއްގެ ސަޕޯޓަރުން އަންނަނީ ރޮނާލްޑޯ ދެއްކި އީމާންތެރިކަމުގެ މި ރީތި ނަމޫނާއަށް ތައުރީފު ކުރަމުންނެވެ. ހާއްސަކޮށް އިސްލާމީ ދުނިޔޭގެ ސަޕޯޓަރުންގެ މެދުގައި މިކަމަށް ވަނީ ބޮޑު މަގުބޫލުކަމެއް ލިބިފައެވެ.
މި މޮޅާއެކު ޕޯޗުގަލް ވަނީ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފައެވެ. މުބާރާތުގެ ގަދަ 16 ގައި ޕޯޗުގަލް ބައްދަލުކުރަން ޖެހޭނީ ބާރުގަދަ ސްޕެއިންއާއެވެ.









