ޕޯޗުގަލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޭމްޕު ދޫކޮށް ދިއުމާ ގުޅިގެން، އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ 30 ދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކޮށް 255 ޔޫރޯ އިން ޖޫރިމަނާކުރުމަށް ޕޯޗުގީޒް ފުޓްބޯޅަ ފެޑެރޭޝަން (އެފްޕީއެފް) އިން ނިންމައިފިއެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ ސެޕްޓެމްބަރު މަހު ގައުމީ ޓީމުގެ ކޭމްޕު ދޫކޮށް ދިޔައީ، ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުގައި ބެންޗުގައި އިނުމަށްފަހު، އޮކްޓޯބަރު 1 ގައި ޑެންމާކާ ދެކޮޅަށް ކުޅޭ މެޗުގެ ފުރަތަމަ އެގާރައިގައި ނުހިމެނޭނެކަން އެނގުމުންނެވެ. މި މައްސަލައާ ގުޅިގެން ރޮނާލްޑޯ ފަހުން ބުނެފައިވަނީ، ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސަސް ދެ ފަހަރެއްގެ މަތިން ވެފައިވާ ވައުދާ ހިލާފުވެފައިވާ ކަމަށާއި، މިއީ އިތުބާރު އެއްކޮށް ގެއްލިގެންދިޔަ ކަމެއް ކަމަށެވެ. ނަމަވެސް، އޭނާގެ އަމަލުތަކުގެ ފުރިހަމަ ޒިންމާ ނަގައި، ޓީމުގެ ބައިވެރިންނާއި ސަޕޯޓަރުންގެ ކިބައިން މާފަށް އެދޭކަމަށްވެސް އޭނާ ބުންޏެވެ.
މި ސަސްޕެންޝަން ބެކްޑޭޓްކޮށްފައިވަނީ ޑެންމާކް މެޗު ކުޅުނު ދުވަހުން ފެށިގެން ކަމަށްވާތީ، އަދަބު އިއުލާންކުރިއިރު ރޮނާލްޑޯ ވަނީ 19 ދުވަސް ފުރިހަމަކޮށްފައެވެ. އެހެންކަމުން، ކުރިއަށްހުރި ގައުމީ ޓީމުގެ އެއްވެސް މެޗެއް އޭނާއަށް ގެއްލޭނެ ކަމަކަށް ނުބެލެވެއެވެ. އެފްޕީއެފްގެ އަހުލާގީ ކޮމިޓީން ބުނެފައިވަނީ، މިއަދަބު ކަނޑައެޅުމުގައި ރޮނާލްޑޯގެ މާފަށް އެދުމާއި، ފުޓްބޯޅައަށް އޭނާ ކޮށްދީފައިވާ ހިދުމަތްތަކާއި، ހޯދާފައިވާ ކާމިޔާބީތަކަށް ރިއާޔަތްކޮށްފައިވާނެ ކަމަށެވެ. އަދި ރޮނާލްޑޯވެސް ވަނީ އޭނާގެ ދިފާއުގައި ކެރިއަރުގެ ކާމިޔާބީތަކާއި އެވޯޑުތަކުގެ ތަފްސީލު ހުށަހަޅާފައެވެ.
ކޯޗު ޖޯޖް ޖީސަސް ވަނީ ރޮނާލްޑޯއަށް ފުރަތަމަ އެގާރައިން ޖާގަ ދިނުމަށް އެއްވެސް އެއްބަސްވުމެއް ވެފައިވާކަމަށް އިންކާރުކޮށްފައެވެ. ނަމަވެސް، އެނބުރި ގައުމީ ޓީމަށް އައުމުގެ ފުރުސަތު ރޮނާލްޑޯއަށް އޮތްކަން އޭނާ ވަނީ ހާމަކޮށްފައެވެ.




