ގަތަރުގެ އަލްސައްދު އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެ، ސައޫދީގެ އަލް ނަސްރުން މުހިންމު ކާމިޔާބީއެއް ހޯދިއިރު، އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ކެރިއަރުގައި 1،000 ލަނޑު ހަމަކުރުމުގެ ލަނޑުދަނޑިއާ އިތުރަށް ގާތަށް ޖެހިލައިފިއެވެ.
މެޗުގެ ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ނަސްރަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ ފުރަތަމަ ލަނޑު ޖަހައިދިނީ ޕޯޗުގަލްގެ ތަރި ރޮނާލްޑޯއެވެ. މިއީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ކާމިޔާބުކުރި 987 ވަނަ ލަނޑެވެ. މި ލަނޑާއެކު، ފުޓްބޯޅައިގެ ތާރީހުގައި ފެނިގެންދާނެ އެންމެ އާދަޔާހިލާފު އެއް ރެކޯޑު ކަމަށްވާ 1،000 ލަނޑުގެ މައިލްސްޓޯނަށް ވާސިލްވުމަށް ރޮނާލްޑޯއަށް މިހާރު ބޭނުންވަނީ އެންމެ 13 ލަނޑެވެ.
ރޮނާލްޑޯގެ ލަނޑަށްފަހު، އަލްސައްދުން ވަނީ މެޗުގެ 22 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ވައަދު އަބްދުލްވައްހާބެވެ. ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.
މެޗުގެ 35 ވަނަ މިނެޓުގައި ރޮނާލްޑޯ އަނެއްކާވެސް ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރުން ބެލުމަށްފަހު އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ.
ދެ ޓީމު 1-1 އިން އެއްވަރުވެގެން ފުރަތަމަ ހާފު ނިމުނު ނަމަވެސް، ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ އައްނަސްރުން ވަނީ އަލުން ލީޑު ނަގާފައެވެ. މެޗުގެ 52 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޔާއޯ ފެލިކްސްއެވެ.



