ބައިނަލްއަޤްވާމީ ފުޓްބޯޅައިން ކްރިސްޓިއާނޯ ރޮނާލްޑޯ ރިޓަޔަރ ކުރުމަށްފަހު، އޭނާއާ ނުލައި ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗުން ޑެންމާކް އަތުން 1-4 ގެ ލަދުވެތި ނަތީޖާއަކުން ބަލިވެއްޖެއެވެ.
ޔުއެފާ ނޭޝަންސް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ޕޯޗުގަލްގެ ބްރާގާގައި ކުޅުނު މި މެޗުގައި ޑެންމާކުން ވަނީ މޮޅު ކުޅުމެއް ދައްކައި، މުބާރާތުގެ ކުއާޓާ ފައިނަލާ ގާތަށް ޖެހިލާފައެވެ. މި މޮޅާއެކު ދެވަނައިގައި އޮތް ޑެންމާކަށް ފަސް މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ތާވަލުގެ އެއްވަނައިގައި އޮތީ 12 ޕޮއިންޓާއެކު ކުރިންވެސް ކުއާޓާގެ ޖާގަ ކަށަވަރުކޮށްފައިވާ ޕޯޗުގަލްއެވެ. އަންގާރަ ދުވަހު ނޯވޭއާ ދެކޮޅަށް ކުޅޭ މެޗު އެއްވަރުކޮށްލައިގެންވެސް ޑެންމާކަށް ދެވަނަ ބުރުގެ ޖާގައެއް ލިބޭނެއެވެ.
މެޗު ފެށުމުގެ ކުރިން ޕޯޗުގަލްގެ ޓީމުން ވަނީ ގައުމީ ޓީމަށް އަލްވަދާއު ކިޔާފައިވާ ކެޕްޓަން ރޮނާލްޑޯގެ ހިދުމަތުގެ އަގުވަޒަންކޮށްފައެވެ. އެގޮތުން ކުޅުންތެރިންނާއި މަސްކޮޓުން ދަނޑަށް ނުކުތީ ރޮނާލްޑޯގެ ނަމާއި ހަތް ނަންބަރު ޖަހާފައިވާ ޖާޒީގައެވެ. އަދި ސަޕޯޓަރުން "ޝުކުރިއްޔާ ކެޕްޓަން" ޖަހާފައިވާ ބޮޑު ބެނާއެއް ދައްކާލިއިރު، މެޗުގެ ހަތްވަނަ މިނެޓުގައި މުޅި ދަނޑުގައި ސަޕޯޓަރުން ވަނީ ހޫނު އަތްތިލަބަޑިއެއް ޖަހާފައެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯގެ ބައިނަލްއަގްވާމީ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ 2016 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބު ކުރުމެވެ. ނަމަވެސް އޭނާގެ ކެރިއަރު ނިމިގެންދިޔައީ ކޯޗު ޖޯޖް ޖީސަސްއާ ދެމެދު އުފެދުނު މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައިގައި ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަނުން ރޮނާލްޑޯ 30 ދުވަހަށް ސަސްޕެންޑް ކުރުމާ ގުޅިގެން އޭނާ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައެވެ.
ހޮނިހިރު ދުވަހުގެ މެޗުގައި ޕޯޗުގަލްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔައިރު، ޑެންމާކުން ވަނީ ފުރަތަމަ މިނެޓުން ފެށިގެން މެޗު ކޮންޓްރޯލް ކޮށްފައެވެ. ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޑެންމާކަށް ލިބުނު ޕެނަލްޓީއަކުން ޕިއޭ އެމީލް ހޮއިބިއާ ވަނީ އެޓީމަށް ލީޑު ނަގައިދީފައެވެ.
ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި ރަސްމުސް ހޮއިލަންޑް ވަނީ ވޮލީއަކުން ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. އަދި އޭގެ ހަތް މިނެޓު ފަހުން ރުބެން ޑިއާސް ކައިރިން ނައްޓާލުމަށްފަހު އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ހޮއިލަންޑް ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ޕޯޗުގަލްގެ ސަޕޯޓަރުން ހައިރާންކޮށްލާފައެވެ. ޑެންމާކުގެ ހަތަރުވަނަ ލަނޑު ބޮލުން ޖަހައި ކާމިޔާބުކުރީ ޔޯކިމް އެންޑަސަންއެވެ. މި ލަނޑާއެކު ދަނޑުގައި ތިބި ސަޕޯޓަރުން ވަނީ ޕޯޗުގަލް ޓީމަށް ނުރުހުން ފާޅުކޮށް އަޑުގަދަކުރަން ފަށާފައެވެ. މެޗުގެ ފަހުކޮޅު ބެނާޑޯ ސިލްވާ ޕޯޗުގަލްއަށް ސުން ކަނޑުވާލަދިން ނަމަވެސް، ޓީމަށް ލިބުނު މާޔޫސްކަމަށް އެއްވެސް ބަދަލެއް ނައެވެ.
މި ގްރޫޕުގައި ހިމެނޭ އަނެއް މެޗުގައި ނޯވޭ ވަނީ އަމިއްލަ ދަނޑުގައި 1-3 އިން ވޭލްސް ބަލިކޮށްފައެވެ. ނޯވޭގެ ލަނޑުތައް އެންޓޯނިއޯ ނޫސާ، އަންދްރެއާސް ޝެލްޑަރަޕް އަދި އާލިން ހާލަންޑް ކާމިޔާބުކުރިއިރު، ވޭލްސްގެ ހަމައެކަނި ލަނޑު ޖެހީ ޑޭވިޑް ބްރޫކްސްއެވެ. މި ނަތީޖާއާއެކު ކްރެއިގް ބެލަމީގެ ވޭލްސް އޮތީ ގްރޫޕުގެ ފުލުގައި ކަމަށްވުމުން، ލީގު ބީ އަށް ރެލިގޭޓްވުމުގެ ބިރު އެޓީމަށް ވަނީ ބޮޑުވެފައެވެ.



