ސައުދީ ޕްރޯ ލީގުގެ މެޗެއްގައި، ނިޔާވެފައިވާ ލިވަޕޫލްގެ ކުޅުންތެރިޔާ ޑިއޯގޯ ޖޮޓާގެ ނަމުން ގޮވައި މަލާމާތްކުރި ސަޕޯޓަރުންނަށް ސްޓޭޑިއަމްތަކަށް ވަނުން މުޅިން މަނާކުރުމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ގޮވާލައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އަލް-ތާވޫން އާއި އަލް-ހިލާލް ބައްދަލުކުރި މެޗުގައެވެ. މި މެޗުގައި އަލް-ހިލާލަށް ކުޅެމުންދާ، އަދި ޖޮޓާގެ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށްވާ ރޫބެން ނެވެސް އަށް އަމާޒުކޮށް ބައެއް ސަޕޯޓަރުން ވަނީ ޖޮޓާގެ ނަމުން ގޮވާފައެވެ.
އުމުރުން 28 އަހަރުގައި ޑިއޯގޯ ޖޮޓާ ނިޔާވީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހު ސްޕެއިންގައި ހިނގި ކާރު އެކްސިޑެންޓެއްގައެވެ.
މިކަމާ ގުޅިގެން ރޮނާލްޑޯ ބުނެފައިވަނީ މިއީ ފުޓުބޯޅައިގެ ރޫހާ ހިލާފު ކަމެއް ކަމަށާއި، މިފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ލީގުން ހަރުކަށި ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. އަދި މިފަދަ މީހުންނަށް އަލުން ސްޓޭޑިއަމްތަކަށް ވަދެވިގެން ނުވާނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން އަލް-ހިލާލް ކުލަބުން ވަނީ ސައުދީ އަރަބިއަން ފުޓުބޯޅަ ފެޑެރޭޝަނަށް ރަސްމީކޮށް މައްސަލަ ހުށަހަޅާފައެވެ. އަދި އަލް-ތާވޫން ކުލަބުންވެސް މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ބުނެފައިވެއެވެ.
މި މެޗު ނިމިގެންދިޔައީ 0-6 ގެ ތަފާތު ބޮޑު ނަތީޖާއަކުން އަލް-ހިލާލް މޮޅުވެގެންނެވެ.









