ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރު ކޮންގޯ) ގައި ހަލުވިކަމާއެކު ފެތުރެމުންދާ އެބޯލާ ވައިރަސްގައި ކެންޔާއިން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެއެވެ.
ކެންޔާގެ ސިއްހީ ވަޒީރު އޭޑެން ޑުއޭލް ވިދާޅުވި ގޮތުގައި، މި ބަލީގައި މަރުވެފައިވަނީ ހަތް އަހަރު ވަންދެން ޑީއާރު ކޮންގޯގައި ދިރިއުޅެމުންދިޔަ ކެންޔާގެ ރައްޔިތެކެވެ.
އެ މީހާއަށް ގާތްގަނޑަކަށް މަހެއްހާ ދުވަސްކުރިން ބަލީގެ އަލާމާތްތައް ފެންނަން ފަށާފައިވާއިރު، ކޮންގޯގެ އެކި ހޮސްޕިޓަލްތަކުން ފަރުވާ ހޯދުމަށްފަހު އޭނާ އެގައުމުން ފުރައިގެން ކަންޕާލާ، ޔުގަންޑާއަށް ދަތުރުކޮށް، ހޮނިހިރު ދުވަހު ނައިރޯބީއަށް ވަނީ ގޮސްފައެވެ. ނައިރޯބީގެ މައި އެއާޕޯޓުން އާންމުކޮށް ހިންގާ ސްކްރީނިންގ މަރުހަލާތައް ކަޑައްތުކުރުމަށްފަހު އޭނާ ހޮސްޕިޓަލަކަށް ގެންދިޔައީ އާއިލާ މީހެކެވެ. ނަމަވެސް ފަހުން ހުންއައުމާއި، ގައިން ވަރުދެރަވުމާއި، ގައިގައި ރިއްސުމާއި، އަދި ހަށިގަނޑުގެ ހަންގަނޑު ދަށުން ލޭއަންނަން ފެށުމުން، ކޮވިޑް-19 ގެ ދުވަސްވަރު ގާއިމުކުރި އައިސޮލޭޝަން ފެސިލިޓީއަކަށް ވަނީ ބަދަލުކޮށްފައެވެ.
ފެސިލިޓީގައި ހެދި ޓެސްޓުތަކުން އެ މީހާއަށް ޖެހިފައިވަނީ އެބޯލާގެ ވަރަށް މަދުން ފެންނަ 'ބުންޑިބުގްޔޯ ސްޓްރެއިން' ނަމަކަށް ކިޔާ ވައިރަހެއްކަން ވަނީ ކަށަވަރުވެފައެވެ. އަދި މި ވައިރަހަށް މިހާތަނަށް ރަސްމީކޮށް ފާސްކޮށްފައިވާ ވެކްސިނެއް ނުވަތަ ފަރުވާއެއް ހޯދިފައެއް ނުވެއެވެ. އޭނާ މަރުވީ ހޯމަ ދުވަހުގެ ރޭ 11:30 ގައެވެ. އަދި އާންމު ސިއްހަތުގެ މިންގަނޑުތަކާ އެއްގޮތަށް އޭނާގެ ވަނީ ޖެހިގެން އައި ދުވަހު ވަޅުލާފައެވެ.
މި ހާދިސާއާ ގުޅިގެން ކެންޔާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އާއިލާ މީހުންނާއި ސިއްހީ އެހީތެރިން ހިމެނޭހެން މަދުވެގެން 28 މީހުން ކޮންޓެކްޓް ވެފައިވާކަން ދެނެގަނެފައެވެ. އަދި އޭނާ ދަތުރުކުރި މަތިންދާބޯޓުގައި ތިބި 23 ފަސިންޖަރުންނާއި 4 ފަޅުވެރިން ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ސިއްހީ އޮފިޝަލަކު ވިދާޅުވީ، އެ މީހާ ބޭނުންކުރި ބޭހެއްގެ ސަބަބުން އެއާޕޯޓުގެ ސްކްރީނިންތަކުން ބަލީގެ އަލާމާތްތައް ފޮރުވިފައި ހުރެދާނެ ކަމަށެވެ. މިކަމާ ގުޅިގެން ކެންޔާއިން ވަނީ އެއާޕޯޓުތަކާއި ބޯޑަރު ސަރަހައްދުތަކުގައި ސިއްހީ މޮނިޓަރިން ވަރުގަދަކޮށްފައެވެ.
ޑީއާރު ކޮންގޯގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ މި ބަލިވަނީ އެގައުމުގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ މީހުން މަރުވި އެބޯލާގެ ބަލިމަޑުކަމަށް ވެފައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 8,544 ކޭސް ރިޕޯޓުކޮށްފައިވާއިރު، 4,114 މީހުން ވަނީ މަރުވެފައެވެ. މި ވައިރަސް ފެތުރެނީ ލޭ ނުވަތަ ހޮޑުފަދަ، ބަލިޖެހިފައިވާ މީހާގެ ހަށިގަނޑުގެ ދިޔަވަރެއްގައި ޖެހިގެންނެވެ.
މެޑެސިން ސަންސް ފްރޮންޓިއާސްއިން ވަނީ މި ބަލީގެ ނުރައްކާތެރިކަން ފާހަގަކޮށް، މިއީ ވަރަށް ހަލުވިކަމާއެކު ފެތުރޭ "މެގަފަޔަރ" އެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އަހަރުތަކެއް ވަންދެން ކުރިއަށްދާ ހަނގުރާމައިގައި ޑީއާރު ކޮންގޯގެ ސިއްހީ ނިޒާމަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން ބަލި ކޮންޓްރޯލްކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.




