ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީ.އާރު ކޮންގޯ) ގައި ވަރަށް ހަލުވިކަމާއެކު އެބޯލާ ވައިރަސް ފެތުރެމުންދާ ދިއުމަކީ "ބިރުގަންނަންޖެހޭ ފަދަ ނުރައްކާތެރި" ހާލަތެއް ކަމަށް ބައިނަލްއަޤުވާމީ އެހީދޭ ޖަމްޢިއްޔާއެއް ކަމަށްވާ މެޑިސިންސް ސާންސް ފްރޮންޓިއަރސް (އެމް.އެސް.އެފް) އިން އިންޒާރު ދީފިއެވެ.
މި ބަލިމަޑުކަން އިއުލާންކުރިތާ ދެ ހަފުތާ ވެފައިވާއިރު، އެމް.އެސް.އެފްގެ ޑެޕިއުޓީ ޑިރެކްޓަރ ޑރ. އެލަން ގޮންޒާލޭޒް ވިދާޅުވީ، މީގެ ކުރިން ދުވަހަކުވެސް މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ އަދަދަކަށް ބަލިޖެހިފައިވާ މީހުން ރިޕޯޓްކުރެވިފައި ނުވާ ކަމަށެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބަލި ފެތުރޭ މިންވަރަށްވުރެ ބައްޔަށް އިޖާބަދިނުމުގެ މަސައްކަތްތައް ވަނީ ލަސްވެފައެވެ.
މި ނުރައްކާތެރި ހާލަތާ ގުޅިގެން، ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ ވެރިޔާ ޑރ. ޓެޑްރޯސް އަދަނޮމް ގެބްރިއޭސަސް ވަނީ ހޮނިހިރު ދުވަހު ކޮންގޯގެ އިރުމަތީ ޕްރޮވިންސެއް ކަމަށްވާ އިޓޫރީއަށް ޒިޔާރަތްކުރައްވާފައެވެ. އިޓޫރީއަކީ މި ބަލިމަޑުކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސަރަހައްދެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކޮންގޯގައި މިހާތަނަށް 1,000 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭއިރު، މަދުވެގެން 246 މީހުން ވަނީ މަރުވެފައެވެ. އަދި އަވަށްޓެރި ޔުގެންޑާގައިވެސް ބަލިޖެހިފައިވާ 9 މީހަކު ފެނި، އެކަކު ވަނީ މަރުވެފައެވެ.
ޑރ. ޓެޑްރޯސް ވިދާޅުވީ، ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އެ ސަރަހައްދުތަކުގެ ރައްޔިތުންގެ އެއްބާރުލުން އިންތިހާއަށް ބޭނުންވާ ކަމަށެވެ. ވަކިން ހާއްސަކޮށް، މަރުވާ މީހުން ވަޅުލުމުގެ ކަންކަމުގައި ގެންގުޅޭ ބައެއް އާދަކާދަތަކުގެ ސަބަބުން (މައްޔިތާގެ ހަށިގަނޑުގައި އަތްލުން ފަދަ ކަންކަން) ބަލި އިތުރަށް ފެތުރުމުގެ ފުރުސަތު އޮތުމުން، އެކަމަށް ސަމާލުވުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.
ބަލި ކޮންޓްރޯލް ކުރުމަށް ހުރި ހުރަސްތަކުގެ ތެރޭގައި އެ ސަރަހައްދުގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުންތަކާއި، ބޯޑަރުތަކާއި އެއާޕޯޓްތައް ބަންދުކުރުމުގެ ސަބަބުން އެހީ ފޯރުކޮށްދިނުމަށް ދިމާވާ ދަތިތައް ހިމެނެއެވެ. ނަމަވެސް، މިހާރު ބުނިއާގައި ހުންނަ ލެބޯޓްރީން 24 ގަޑިއިރު ތެރޭގައި ޓެސްޓްގެ ނަތީޖާ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވުމީ ލިބުނު ބޮޑު ކުރިއެރުމެކެވެ.
މީގެ އިތުރުން، ބްރެޒިލްއިންވެސް އެބޯލާއަށް ޝައްކުކުރެވޭ މީހަކު ފެނިގެން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. އެއީ ދާދި ފަހުން ކޮންގޯއަށް ދަތުރުކޮށްފައިވާ މީހެކެވެ.
މިފަހަރު ފެތުރެމުންދަނީ އެބޯލާގެ ނާދިރު ބާވަތެއް ކަމަށްވާ 'ބުންޑިބުގްޔޯ' އެވެ. މިއީ އަދި ވެކްސިނެއް ހޯދިފައިނުވާ އަދި ބަލިޖެހޭ މީހުންގެ ތިންބައިކުޅަ އެއްބައި މީހުން މަރުވާ ނުރައްކާތެރި ވައިރަހެކެވެ. މި ބަލި ފެތުރެނީ ބަލިޖެހިފައިވާ މީހެއްގެ ހަށިގަނޑުން ބޭރުވާ ދިޔަވަރު (ލޭ، ކަރުނަ، ކުޑަކަމުދާ ތަކެތި ފަދަ) ސީދާ ގޮތުން ހަށިގަނޑަށް ދިއުމުންނެވެ.









