އިސްރާއީލުގެ އުތުރުގެ ސަރަހައްދެއް ކަމަށްވާ ބައިތު ހިލޭލް ކައިރީގައި ހުންނަ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާއެއްގައި އިސްރާއީލުގެ ހަތަރު ސިފައިން ޒަޚަމްވެއްޖެ ކަމަށް އެ ގައުމުގެ އަސްކަރީ ރޭޑިއޯއިން ރިޕޯޓްކޮށްފިއެވެ.
މި ހަމަލާ ދީފައިވަނީ އިސްރާއީލުގެ އުތުރުގެ ގަލީލީ ސަރަހައްދުގެ ހޫލާ ވާދީގައި އޮންނަ ބައިތު ހިލޭލް ކައިރީގައި ހުރި އަސްކަރީ މަރުކަޒަކަށެވެ. މި ހަމަލާއާ ގުޅިގެން ޒަޚަމްވި ސިފައިންނަށް މިހާރު ފަރުވާދެމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާއާ ގުޅޭގޮތުން އިސްރާއީލުގެ އަސްކަރިއްޔާއިން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި މި ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ.
Advertisement

ފަހަކަށް އައިސް އިސްރާއީލުގެ އުތުރުގެ ބޯޑަރު ސަރަހައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތައް ވަނީ އިތުރުވެފައެވެ. ޚާއްސަކޮށް ލުބުނާނުގެ ހިޒްބުالله ޖަމާއަތުން އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް ވަނީ ފަހަކަށް އައިސް ވަރުގަދަކޮށްފައެވެ.







