ގައުމީ އެއަރލައިން، މޯލްޑިވިއަންގެ ފްލީޓުގައި ބޭނުންކުރަމުންދާ ޑޭޝް8ގެ ބޯޓުތައް އައުކުރުމުގެ މަޝްރޫއުގެ ދަށުން، އިތުރު 2 އޭޓީއާރު މަތިންދާ ބޯޓު ގެނައުމަށް އޯޑަރު ދީފައިވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް ވިދާޅުވެއްޖެއެވެ.

ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ފްލީޓުގައި ހިމެނޭ ޑޭޝް8 މަރުކާގެ ބޯޓުތައް، އޭޓީއާރުގެ ބޯޓުތަކަށް ބަދަލު ކުރުމުގެ މަސައްކަތް އެކުންފުނިން ފަށާފައިވަނީ، 2022 ވަނަ އަހަރުއެވެ. މި މަޝްރޫއަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވަމުން އިޔާސް ވިދާޅުވީ، އިތުރު ދެ ބޯޓެއް ގެނައުމަށް މިހާރު އޯޑަރު ދީފައިވާ ކަމަށެވެ.

އިޔާސް ވިދާޅުވީ، އަލަށް އޯޑަރު ދިން ދެ ބޯޓުގެ ތެރެއިން އެއް ބޯޓު މިއަހަރު ފަހުކޮޅު ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ދެވަނަ ބޯޓުވެސް އަންނަ އަހަރުގެ ފަހުކޮޅު ރާއްޖެއަށް ގެނައުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެެވެ. މީގެ ސަބަބުން އެ ކުންފުނިން މިހާރު ބޭނުންކުރަމުންދާ ޑޭޝް 8 މަރުކާގެ ބޯޓުތައް ފޭސް-އައުޓްކޮށް، ފްލީޓް ޒަމާނީ ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމުގެ ބޮޑުބައެއް ހާސިލްކުރެވޭނެކަން އިޔާސް ފާހަގަކުރެއްވިއެވެ.

ކުންފުނިން މިހާރު ބޭނުންކުރަމުންދާ ޑޭޝް 8ގެ ބޯޓުތަކަކީ، 2008 ވަނަ އަހަރުން ފެށިގެން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަމުންދާ ބޯޓުތަކެއްކަން ފާހަގަކުރައްވައި އިޔާސް ވިދާޅުވީ، އެ ބޯޓުތަކަކީ މިހާރު ވަރަށް ދުވަސްވެފައިވާ ބޯޓުތަކެއް ކަމަށެވެ. އަދި މި ބޯޓުތަކުގެ މަރާމާތަށް ބޮޑު ހޭދައެއް ކުރަންޖެހޭކަންވެސް އިޔާސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިހާރު މި ބޭނުންކުރަމުންދާ ޑޭޝް 8 ބޯޓުތަކަކީ، މިއީ ވަރަށް އޭޖް ވެފަ ހުރި ބޯޓުތަކެއް. އެހެންމެ މިހާރު އަޅުގަނޑުމެން މި ބޭނުންކުރަމުންދާ ބޯޓުގެ އޭޖް މިވަނީ 25 އަހަރަށްވުރެ މައްޗަށް ގޮސްފައި. އަދި މި މަރުކާގެ މަތިންދާބޯޓު ގާތްގަނޑަކަށް 2009 ނުވަތަ 2010ވަނަ އަހަރު މިވަނީ އިތުރަށް މެނުފެކްޗަރ ކުރުން ހުއްޓާލާފައި. އެހެންވުމުގެ ސަބަބުން އަދި މި ބޯޓުތައް އޭޖްވުމުގެ ސަބަބުން އަޅުގަނޑުމެންނަށް މި ބޯޓުތަކުގެ މެއިންޓެނެންސަށް ވަރަށް ބޮޑު ހަރަދެއް އެބަ ކުރަންޖެހޭ." އިޔާސް ވިދާޅުވިއެވެ.

މި ކަންތައްތަކުގެ ސަބަބުން ޑޭޝް8ގެ ބޯޓުތައް ފޭސްއައުޓް ކުރުމަށްފަހު އޭޓީއާރުގެ ފްލީޓަކަށް ބަދަލުކުރަން އެކުންފުނިން ނިންމާފައިވާ ކަމަށާއި، މިހާރުވެސް މޯލްޑިވިއަނުން އޭޓީއާރުގެ 5 ބޯޓު ގެނެސް އޮޕަރޭޝަންތަކުގައި ބޭނުންކުރަމުންދާ ކަމަށް އިޔާސް ވިދާޅުވިއެވެ. މިގޮތުން މޯލްޑިވިއަނުން އެންމެފަހުން ގެނައި ބޯޓަކީ، މުޅިން އައު ބޯޓެއް ކަމަށް ވިދާޅުވިއެވެ.

"ކުންފުނީގެ ތާރީހުގައިވެސް އެންމެ ފަހުން މިގެނައި އޭޓީއާރު މަތިންދާބޯޓަކީ ބްރޭންޑް ނިއު މަތިންދާ ބޯޓެއް. އައިލެންޑް އޭވިއޭޝަންގެ ހަޔާތުގައިވެސް ދުވަހަކުވެސް ނުއެއް ގެނެވޭ ބްރޭންޑް ނިއު އެއަރކްރާފްޓެއް. އަބަދުވެސް ގެނެވެނީ، ޔޫޒްޑް އެއާކްރާފްޓް. މިއާއެއްކޮށް މުޅިން އަލަށް ބްރޭންޑް ނިއު އެއަރކްރާފްޓެއް މި ގެނެވުނީ މި މަޝްރޫއުގެ ތެރެއިން." އިޔާސް ވިދާޅުވިއެވެ.

މޯލްޑިވިއަންގެ ފްލީޓުގައި 27 މަތިންދާ ބޯޓު ހިމެނެއެވެ. މީގެ ތެރޭގައި ވައިޑް-ބޮޑީ އެއަރބަސް އޭ330 މަރުކާގެ މަތިންދާ ބޯޓަކާއި، ނެރޯ-ބޮޑީ އެއަރބަސް އޭ320 މަރުކާގެ މަތިންދާ ބޯޓަކާއި، އޭޓީއާރު މަރުކާގެ 5 މަތިންދާ ބޯޓާއި، ޑޭޝް 8 މަރުކާގެ 9 މަތިންދާ ބޯޓާއި އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާ ބޯޓު ހިމެނެއެވެ.

މޯލްޑިވިއަންގެ ހިދުމަތް ފުޅާކޮށް ބައިނަލްއަގްވާމީ ގިނަ މަންޒިލްތަކަކަށް ދަތުރުތައް ފެށުމަކީ، ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދާއި އެއްގޮތަށް ގައުމީ އެއަރލައިނަށް އިތުރު ވައިޑް ބޮޑީ އެއަރ ކްރާފްޓެއް ގެނައުމަށް ސަރުކާރުން ދަނީ، މަސައްކަތްތަކެއް ކުރަމުންނެވެ. މި ބޯޓު މިއަހަރުގެ ފަހުކޮޅު ރާއްޖެއަށް ގެނައުމަށް އައިލެންޑް އޭވިއޭޝަނުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.