ގައުމީ އެއަރލައިން، މޯލްޑިވިއަންގެ ފްލީޓަށް އިތުރުކުރާ ވައިޑް-ބޮޑީގެ ދެވަނަ މަތިންދާބޯޓު މިއަހަރުގެ ފަހުކޮޅު ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އިޔާސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވާފައިވާ ފަދައިން ދެވަނަ ބޯޓު ގެނައުމުގެ އަމަލީ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. މޯލްޑިވިއަންގެ ފްލީޓަށް ފުރަތަމަ ވައިޑް-ބޮޑީ ބޯޓު ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
އިޔާސް ފާހަގަކުރެއްވި ގޮތުގައި މި މަސައްކަތުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ދުނިޔޭގެ ބާޒާރުގައި މިވަގުތު ވައިޑް-ބޮޑީ މަތިންދާބޯޓުތަކަށް އޮތް ޑިމާންޑް ބޮޑުވުމެވެ. މީގެ ސަބަބުން ބޯޓުތައް ލިބުމުގައި ދަތިތަކެއް ހުރި ނަމަވެސް، މަތިންދާބޯޓު އުފައްދާ އެއާބަސް ކުންފުންޏާއެކު ކުރެވުނު މަސައްކަތުން، މިއަހަރުގެ ފަހުކޮޅު ދެވަނަ ބޯޓު ލިބޭނެ ކަމުގެ އުންމީދު ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ ޖެނުއަރީ މަހު ރާއްޖެ ގެނައި ފުރަތަމަ ވައިޑް-ބޮޑީ ބޯޓަކީ އެއަރބަސް އޭ330-200 މަރުކާގެ މަތިންދާބޯޓެކެވެ. މި ބޯޓު މިހާރުވެސް ދަނީ ގިނަ ދަތުރުތަކެއްގައި ބޭނުންކުރަމުންނެވެ. އޭގެ ތެރޭގައި ހައްޖާޖީންނާއި އުމްރާވެރިން ސައުދީ އަރަބިއްޔާއަށް އުފުލުމާއި، ޗައިނާގެ އެކި ސިޓީތަކަށް ކުރާ ދަތުރުތަކާއި، އިންޑިއާ އަދި ބަންގްލަދޭޝްގެ އިތުރުން ދާދި ފަހުން އޮސްޓްރޭލިއާއަށް ފެށި ސީދާ ދަތުރުތައް ހިމެނެ އެވެ.
އިޔާސް ވިދާޅުވި ގޮތުގައި، ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު ގެނައުމާއެކު މޯލްޑިވިއަންގެ ދަތުރުތައް އިތުރަށް ފުޅާވެގެންދާނެ އެވެ. އެގޮތުން ރަޝިޔާ އަދި ކޮރެއާ ފަދަ ދުރު މަންޒިލްތަކަށް ސީދާ ދަތުރުތައް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި، ދިވެހި ދަތުރުވެރިންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.








