ބ. ދަރަވަންދޫ އެއާޕޯޓް ޓާމިނަލް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއު މިއަދު ރަސްމީކޮށް ފަށައިފި އެވެ.
ދަރަވަންދޫ އެއާޕޯޓް ސަރަހައްދުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއު ފައްޓަވައި ދެއްވީ ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަންގެ މިނިސްޓަރު މުހައްމަދު އަމީން އެވެ. މި ރަސްމިއްޔާތުގައި ދަރަވަންދޫ އެއާޕޯޓް ހިންގުން އައިލެންޑް އެވިއޭޝަން ސާވިސަސް (އައިއޭއެސް) އާ ވަނީ ރަސްމީކޮށް ހަވާލުކޮށްފަ އެވެ.
މި މަޝްރޫއުގެ ދަށުން އެއާޕޯޓް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް އައިލެންޑް އެވިއޭޝަނުން ވަނީ ދައްކާލާފަ އެވެ. އައު ޓާމިނަލް ފަރުމާކޮށްފައިވަނީ ކަނޑުއަޑީގެ ހިތްގައިމު މަންޒަރެއް ސިފަވާ ގޮތަށެވެ. މަޝްރޫއު ނިމޭއިރު، މިހާރު ހުރި ޓާމިނަލް އިމާރާތް ދެ ގުނަ ބޮޑު ކުރެވޭނެ އެވެ. މީގެ އިތުރުން އެރައިވަލް ހޯލާއި ޗެކިން އޭރިޔާ ވެސް ދެ ގުނަ ބޮޑުކޮށް، ޓާމިނަލްގެ އެތެރޭގެ ފަރުމާ ޒަމާނީ ފެންވަރަށް ބަދަލުކުރެވޭނެ އެވެ.
ފަސިންޖަރުންނަށް ފަސޭހަ ގިނަ ހިދުމަތްތަކަކާއެކު ތަރައްގީކުރާ މި ޓާމިނަލްގައި ތިން ގޭޓު ހުންނާނެ އެވެ. މިއާއެކު އެއް ފަހަރާ ތިން މަތީންދާބޯޓަށް ހިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ. މިހާރުވެސް 99 މުވައްޒަފުން މަސައްކަތް ކުރަމުންދާ މި އެއާޕޯޓަށް ގެނެވޭ ބަދަލާއެކު އިތުރު ވަޒީފާތަކެއް އުފެދިގެންދާނެ އެވެ.
ދަރަވަންދޫ އެއާޕޯޓަކީ ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ތެރެއިން އެންމެ ބާރުބޮޑު އަދި އެންމެ ފައިދާގައި ހިންގޭ އެއާޕޯޓެވެ. ދުވާލަކު އެވްރެޖްކޮށް 8 ފްލައިޓް ޖައްސާއިރު، ގައުމީ އެއާލައިން މޯލްޑިވިއަން އިން އެކަނިވެސް ދުވާލަކު 4 ފްލައިޓް އޮޕަރޭޓް ކުރެއެވެ. އެއާޕޯޓް ހުޅުވި ފަހުން މިހާތަނަށް 42,000 އަށްވުރެ ގިނަ ފްލައިޓް އޮޕަރޭޓްކޮށް، 1.8 މިލިއަން ފަސިންޖަރުން ވަނީ ހިދުމަތް ހޯދާފަ އެވެ.
16 ރިސޯޓާއި 79 ގެސްޓްހައުސް ހިންގާ، އަދި 13 ރަށުގެ މައްޗަށް އެކުލެވޭ 10,000 އަށްވުރެ ބޮޑު އާބާދީއެއް އޮތް ބ. އަތޮޅުގައި ފެންވަރު ރަނގަޅު އެއާޕޯޓެއް އޮތުމަކީ އެ އަތޮޅުގެ އިގްތިސާދީ ކުރިމަގަށް ވަރަށް މުހިންމު ކަމެކެވެ. ދަރަވަންދޫ އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.









