ޓޫރިޒަމް ބޭނުމަށް ދޫކޮށް، 8 އަހަރު ވެގެންދިޔައިރުވެސް އެއްވެސް ވަރަކަށް ތަރައްޤީއެއް ނާންނަ ރަށްތަކާއި ފަޅުތަކުގެ އެގްރީމެންޓް ބާތިލްކުރުމަށް ސަރުކާރުން ނިންމައި، އެކަމާ ގުޅޭ އުސޫލު މިއަދު ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފިއެވެ.
މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ދޫކޮށްފައިވާ މިފަދަ ބޮޑެތި އެސެޓުތަކަކީ ދައުލަތުގެ ހައްޤެއް ކަމަށެވެ. އަދި ވަކި ބައެއްގެ އަތްމަތީގައި ނުހެދި، މިހާ ދިގުމުއްދަތެއްގައި ދައުލަތުގެ މިފަދަ މުހިންމު ވަސީލަތްތަކެއް ނުބެހެއްޓޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މި ރަށްތައް ނުހެދި ހުރުމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ބޮޑެތި ޢަދަދުތަކުން ފައިސާ ވަނީ ނުލިބިއެވެ. އެގޮތުން ލޭންޑް ރެންޓުގެ ގޮތުގައި އެކަނިވެސް 537 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 8.2 ބިލިއަން ރުފިޔާ) އަސްލު ދައުލަތަށް ލިބެންޖެހޭއިރު، އެކި ފަރާތްތަކަށް ދީފައިވާ ލުއިތަކުގެ ސަބަބުން މި ފައިސާ ސަރުކާރަށް ނުލިބި ހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"މިއީ އަޅަނުލާ ދޫކުރެވޭނެ ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް، މަސައްކަތް ފަށައި އިތުރަށް ކުރިއަށް ނުގެންދެވިފައިވާ ފަރާތްތަކަށް ސަރުކާރުން އިތުރު ފުރުސަތުތަކެއް ދޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ. މިނިސްޓަރު ވިދާޅުވީ އިރާދަކުރެއްވިއްޔާ މި މައްސަލައަށް ހައްލުތަކެއް ފެނިގެންދާނެ ކަމަށާއި، އެހެންނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ނުހިފައި 8 އަހަރު ވަންދެން އެއްވެސް ޑިވެލޮޕްމެންޓެއް ނާންނަ ރަށްތަކުގެ އެގްރީމެންޓްތައް ޓާމިނޭޝަން ޕްރޮސެސް އަށް ދާނެ ކަމަށެވެ.







