އެއަރ އޭޝިއާއިން އެއަރބަސް ކުންފުންޏާއެކު ތާރީހީ އެއްބަސްވުމެއްގައި ސޮއިކޮށް، 150 އެއާބަސް A220 މަތިންދާބޯޓަށް އޯޑަރު ދީފި އެވެ. މިއީ އެއަރ އޭޝިއާގެ ތާރީހުގައިވެސް މި މަރުކާގެ މަތިންދާބޯޓަށް މިހާ ބޮޑު އޯޑަރެއް ދިން ފުރަތަމަ ފަހަރެވެ.
މި އޯޑަރާއެކު އެއާ އޭޝިއާ ވެގެންދާނީ A220 މަރުކާގެ ބޯޓުތައް އަލަށް އޮޕަރޭޓްކުރަން ފަށާ އެއާލައިނަކަށެވެ. އަދި 160 ގޮނޑީގެ އައު ކެބިން ކޮންފިގަރޭޝަން ހިމެނޭ މި ބޯޓުތަކުގެ "ލޯންޗް ކަސްޓަމާ" އަކީވެސް އެއަރ އޭޝިއާ އެވެ. މުޅިންވެސް އެއަރބަސް މަރުކާގެ ބޯޓުތައް ބޭނުންކުރަމުން އަންނަ އެއާ އޭޝިއާއިން މި ނިންމުން ނިންމާފައިވަނީ އެ ކުންފުނީގެ ދަތުރުތައް ފުޅާކޮށް، ސަރަހައްދީ އައު މަންޒިލްތަކަށް ދަތުރުތައް ފެށުމުގެ މަގުސަދުގަ އެވެ.
A220 މަރުކާގެ ބޯޓުތަކަކީ ތެޔޮ ހަރަދު ކުޑަ، އަދި ގިނަ ވަގުތު އުދުހުމުގެ ގާބިލުކަން ލިބިފައިވާ ބޯޓުތަކެކެވެ. މީގެ ސަބަބުން މިހާރު ދަތުރުނުކުރާ ދުރު ރާސްތާގެ އައު މަންޒިލްތަކަށް ދަތުރުތައް ފެށުމުގެ ފުރުސަތު އެއާލައިނަށް ފަހިވެގެންދާނެ އެވެ.
މި ބޮޑު އިންވެސްޓްމަންޓަކީ އެއަރ އޭޝިއާގެ ހިދުމަތްތައް ކުރިއަށް އޮތް ތަނުގައި އިތުރަށް ވަރުގަދަކޮށް، އޭޝިއާ ސަރަހައްދުގެ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި އެ ކުންފުނީގެ ހިއްސާ އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ދާއިރާގެ މާހިރުން ސިފަކުރެ އެވެ.










