ހިޒްބުالله އިން ފާއިތުވި ދެދުވަސް ތެރޭ އިޒުރޭލުގެ 6 ޓޭންކު ގޮއްވާލައިފި ކަމަށާއި، ލުބުނާނުގެ ދެކުނުގައި ތިބި ޔަހޫދީ ސިފައިންގެ ގިނަބަޔަކަށް ހަމަލާދީ މަރާލައި ޒަހަމް ކޮށްލައިފި ކަމަށް މަސްދަރުތަކުން ބުނެފިއެވެ. މިހަމަލާތައް ދިނީ ޑްރޯން އާއި މިސައިލް ބޭނުންކޮށްގެނެވެ.

ހިޒްބުﷲ އިން ބުނީ މިހަމަލާތަކަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި އިސްރާއީލުން ހިލާފުވުމާއި، ލުބުނާނުގެ ދެކުނުގެ ރަށްތަކަށް ދިން ހަމަލާތަކުގެ ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާ ކަމަށެވެ.

އިޒުރޭލުގެ ޓޭންކުތައް ހިޒްބުﷲ އިން ދަނީ ގޮއްވަމުން.

ހިޒްބުالله އިން ބުނީ އެމީހުންގެ ހަނގުރާމަވެރިން ޔަހޫދީންނަށް ހަމަލާ ދިނީ ޑްރޯންތަކާއި ގައިޑްޑް މިސައިލާއި އެހެނިހެން ހަތިޔާރު ބޭނުންކޮށްގެންނެވެ. އެގޮތުން ނަބާތީ ޕްރޮވިންސްގެ ޔަހުމަރު އަލް ޝަގީފް ޓައުންގައި ހުރި ފަސް މެރްކާވާ ޓެންކް ގޮއްވައިލި ކަމަށް ވެސް ބުނެފައި ވެއެވެ.

އެ ޖަމާއަތުން ބުނީ ހަ ވަނަ މެރްކާވާ ޓޭންކު ގޮއްވައިލީ މަރްޖަޔޫން ޑިސްޓްރިކްޓްގެ ދިއްބިނޭ ޓައުން ކައިރިންނެވެ.

ހިޒްބުالله އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ލުބުނާނުގެ ދެކުނުގެ ބައެއް ސަރަހައްދުތަކުގައި އިސްރާއީލު ސިފައިންނާއި އަސްކަރީ އުޅަނދުތަކާއި މަގާމުތަކަށް ހަމަލާދީފައިވާއިރު، އޭގެ ތެރޭގައި ނަގުރާ، ހައްދާތާ، ރަޝާފް، ބަޔާދާ އަދި ޒައުތަރު އަލް ޝަރުޤިޔާ ހިމެނެ އެވެ.

އިސްރާއީލުގެ އުތުރުގެ ނަޓޫއާ އާބާދީ ދިރިއުޅޭ ސަރަހައްދަށާއި އަސްކަރީ ސިފައިންނަށް އަމާޒުކޮށްގެން ޑްރޯން ހަމަލާތަކެއް ހިޒްބުالله އިން ދީފައި ވާއިރު އެ ޑްރޯންތައް ދެނެގަތުމަށް ދިމާވާ ދަތިތަކުގެ ސަބަބުން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެއީ "ބޮޑު ނުރައްކަލެއް" ކަމަށް ސިފަ ކޮށްފައެވެ.