މިހާރު ފާހަގަކުރަމުންދާ ބަރަކާތްތެރި އަޟުހާ އީދުގެ މުނާސަބަތުގައި، ވިލިމާލެއާ ދިމާ ބޭރުން ކުލަގަދަ ހަވާއެރުވުމުގެ ހަރަކާތެއް ބޭއްވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ނިންމައިފި އެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި، މި ހަވާއެރުވުމުގެ ހަރަކާތް ކުރިއަށްދާނީ މިރޭ 21:15 އާއި 21:45 އާ ދެމެދުގެ ވަގުތެއްގަ އެވެ. ގާތްގަނޑަކަށް ފަސް މިނެޓުގެ ވަގުތަކަށް ދެމިގެންދާ މި ހަރަކާތަކީ، އީދުގެ އުފާވެރިކަން ރައްޔިތުންނަށް އިތުރަށް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ހާއްސަ ހަރަކާތެކެވެ.

މިއަހަރުގެ އަޟުހާ އީދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ކުލަގަދަކޮށް ދަނީ ފާހަގަކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްތަކެއްގައި އީދު ބައްތިތަކުން މަގުތައް ޒީނަތްތެރިކޮށް، ސަގާފީ އަދި ތަފާތު ކުޅިވަރު ހަރަކާތްތައް ދަނީ ބާއްވަމުންނެވެ.

މާލެ ސަރަހައްދުގައިވެސް އީދުގެ ފޯރި ގަދަވެފައިވާއިރު، މާލޭގަވެސް އާޓިފިޝަލް ބީޗުގައިވެސް ހަވާއެރުވުމުގެ ހަރަކާތެއް ބާއްވާފަ އެވެ.