ގަވާއިދާއި ހިލާފަށް ލަންކާގައި ބްރޯޑްކާސްޓް ކުރާ ކަމަށް ބުނެ ލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިލެކްޓްރޯނިކް އަދި ނެޓްވޯކް މަސައްކަތުގައި މާލޭގައި ވެސް ހަރަކާތްތެރިވެފައިވާ ކުޅަދާނަ މީހެއްކަން އެނގިއްޖެއެވެ.

ހައްޔަރުކޮށްފައިވާ އުމުރުން 55 އަހަރުގެ މުޝްތާގު އަކީ ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި އަމިއްލަ “ނެޓްވޯކް ޕްރޮޖެކްޓް” ވެސް ހިންގާފައިވާ މީހެއް ކަމަށާއި، ލަންކާގައި ވެސް އެ މަސައްކަތް ކުރާކަމަށް އެނގިފައި ވެއެވެ. ދިރިއުޅޭ އެޕާޓްމަންޓުން ގިނަ އަދަދަކަށް ފައިސާ އާއި ރިސީވަރާއި ޑިޝް އެންޓަނާ އަދި އެއާއި ގުޅޭ ސާމާނުތައް ލަންކާ ފުލުހުން ވަނީ ގެންގޮސްފައެވެ. އަދި 50 މިލިއަން ލަންކާ ރުޕީސް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ ޤައުމުގެ ނޫސްތަކުން ބުނެއެވެ.

މި މައްސަލައާއި ގުޅިގެން ދިވެހި ސަރުކާރުން ގެންދަނީ އެކަން ގާތުން ބަލަމުންނެވެ.