ވ. އަތޮޅު ކައިރިއަށް ޑައިވިނަށް ގޮސް އުޅުމުގެ ތެރޭގައި ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނުގައި ބައިވެރިވި އެމްއެންޑީއެފްގެ ޑައިވަރަކު ޑީކޯވެގެން އޭޑީކޭގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީއެވެ.
މަހުދީ ނިޔާވެފައިވަނީ އައިސީޔޫގައި ފަރުވާދެމުންދަނިކޮށެވެ.
މަހުދީއަކީ އެމްއެންޑީއެފްގެ ޑައިވިންގ ޓީމުގައި ހިމެނޭ ހިތްވަރުގަދަ، ތަޖުރިބާކާރު ސިފައިންގެ ބޭކަލެކެވެ. އޭނާ ނިޔާވުމާ ގުޅިގެން ދިވެހި ސިފައިންގެ ހިދުމަތަށާއި މުޅި ގައުމަށް ވަނީ ފުން ހިތާމައެއް ލިބިފައެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި، މަހުދީގެ ވަކިވުމަކީ ލިބުނު ވަރަށް ބޮޑު ފަޅުކަމެއް ނަމަވެސް، ގެއްލިފައިވާ ފަތުރުވެރިން ހޯދުމުގެ މަސައްކަތް މެދުކަނޑާނުލައި ކުރިއަށް ގެންދާނެއެވެ. މި އޮޕަރޭޝަނުގައި މިހާރުވެސް ކޯސްޓްގާޑުގެ އުޅަނދުފަހަރާއި ގިނަ އަދަދެއްގެ ޑައިވަރުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ކަނޑުގެ އޮއިވަރާއި ފުންމިނުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއެކުވެސް، ސިފައިން ދަނީ ގައުމީ ވާޖިބު އަދާކުރުމުގައި ސާބިތުކަމާއެކު މަސައްކަތް ކުރަމުންނެވެ.
ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމަށްޓަކައި ސިފައިންގެ ކަނޑުގެ އުޅަނދުފަހަރާއި ޑައިވަރުންގެ ޓީމުތަކުން ދަނީ އެ ސަރަހައްދުގެ ބޮޑު ބައެއް ބަލަމުންނެވެ. ކަނޑުގެ އަޑީގެ އޮއިވަރު ހުރިގޮތުންނާއި ފުންމިނުގެ ސަބަބުން ޑައިވަރުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން އެމްއެންޑީއެފުން ފާހަގަކުރެ އެވެ.









