ވ .އަތޮޅު ކައިރިއަށް ޑައިވިނަށް ގޮސް އުޅުމުގެ ތެރޭގައި ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނުގައި ބައިވެރިވި ދިވެހި ސިފައިންގެ ޑައިވަރަކު ޑީކޯވެގެން، އިތުރު ފަރުވާއަށް ކުއްލި ހާލަތުގައި މާލެ ގެނެސްފި އެވެ.


މި ހާދިސާ ހިނގާފައިވަނީ ވ. އަތޮޅުގައި ގެއްލިގެން ހޯދަމުންދާ އިޓަލީގެ ޑައިވަރުން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނުގެ ތެރޭގައެވެ. ޑީކޯވި ސިފައިންގެ މީހާއަށް މާލޭގައި ހުންނަ އޭޑީކޭ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުން މައުލޫމާތު ދޭ ގޮތުގައި، ގެއްލުނު ފަތުރުވެރިން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާއިރު، މިހާތަނަށް ކުރި މަސައްކަތުން އެކަކުގެ ހަށިގަނޑު ވަނީ ފެނިފައެވެ. ނަމަވެސް ބާކީ ތިބި ހަތަރު މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ވަރަށް ބާރުސްޕީޑެއްގައި ކުރަމުންނެވެ.
މި އޮޕަރޭޝަނުގައި ސިފައިންގެ ކަނޑުގެ އުޅަނދުފަހަރާއި ޑައިވަރުންގެ ޓީމުތަކުން ދަނީ އެ ސަރަހައްދުގެ ބޮޑު ބައެއް ބަލަމުންނެވެ. ކަނޑުގެ އަޑީގެ އޮއިވަރު ހުރިގޮތުންނާއި ފުންމިނުގެ ސަބަބުން ޑައިވަރުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން އެމްއެންޑީއެފުން ފާހަގަކުރެ އެވެ.







