2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ބަލިވާނެ ކަމުގެ އިންޒާރު މާކުރިން ދެއްވި ކަމަށާއި، ނަމަވެސް އެމަނިކުފާނު އެކަން ގަބޫލުފުޅު ނުކުރެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، އިންތިޚާބުގެ ނަތީޖާ ނުކުންނާނެ ގޮތް އޭރުވެސް އޮތީ ސާފުކޮށް ފެންނަން ކަމަށެވެ. އެގޮތުން ރައީސް ޔާމީނަށް ގާތްގަނޑަކަށް 18,000 ވޯޓު މަދުވާނެ ކަމަށް އޭރު ދެންނެވި ކަމަށާއި، އެ ވާހަކައަށް މިހާރުގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ހެކިވާނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް އިތުރަށް ހާމަކުރެއްވި ގޮތުގައި، އޭރު ޕީޕީއެމްގެ ލީޑަޝިޕުން ބައްދަލުވުމެއް ބާއްވައިފި ނަމަ، ރައީސް ޔާމީން ނިކުމެވަޑައިގަންނަވާނީ އެންމެންނަށް "ބަވާލާފައި" ކަމަށެވެ. އަދި އެކަށީގެންވާ މަސައްކަތްތަކެއް ނުކޮށްފި ނަމަ ވޯޓުން ބަލިވާނެ ކަމަށާއި، މޮޅުވާން އޮތް ހަމައެކަނި ގޮތަކީ ކޯޓަށް ދިއުން ކަމަށްވެސް އޭރު ޔާމީންގެ އަރިހުގައި ދެންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ދެންނެވިން މަސައްކަތް ނުކޮށްފިއްޔާ ވޯޓުން ބަލިވާނެއޭ. މޮޅުވާނީ ކޯޓުންނޭ. ވޯޓުން ބަލިވީމާ ދެން ޔާމީން ދިޔައީ ކޯޓަށް،" އަބްދުއްރަހީމް ވިދާޅުވިއެވެ.
2018 ގެ އިންތިޚާބާ ގުޅޭގޮތުން މިފަދަ ސިއްރުތަކެއް އަބްދުއްރަހީމް ހާމަކުރައްވާފައި މިވަނީ، ރައީސް ޔާމީނާއި މިހާރުގެ ސަރުކާރާ ދެމެދު ސިޔާސީ ގޮތުން ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.









