ރާއްޖޭގައި ޑޮލަރު ތިޔާގި ކުރުމަށްޓަކައި ކުރިޔަށް އޮތް ދެތިން ހަފްތާތެރޭ އެމްއެމްއޭގެ ދެތިން ގަވާއިދެއް ބަދަލުކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހޯމަދުވަހުގެރޭ ސަރުކާރުު ހިންގާ ޕްރޮގްރެސިވް ނެޝަނަލް ކޮންގްރެސް، ޕީއެންސީގެ ހަރުގެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު ގެންނަން ބޭނުންވެގެން އުޅުއްވާ ބަދަލުތައް ގެނައީމާ ވަރަށް ގިނަ ބަޔަކު އެކަމާއިމެދު އެމަނިކުފާނު ދެކެ ހިތްހަމަ ނުޖެހޭނެ ކަމަށާ ، އެހެންނަމަވެސް ބުލެކްމާކެޓުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށްޓަކައި އެކަން ކުރައްވާނެ ކަމަށެވެ. އަދި އެމަނިކުފާނު ހުންނަވާނީ ރައްޔިތުންގެ ފަޅީގައި ކަމަށް ވިދާޅުވިއެވެ.
ބަދަލު ގެންނަން ރައީސް ނިންމާފައިވާ އެމްއެމްއޭގެ ބައެއް ގަވާއިދުތައް
- އެމްއެމްއޭގެ މަނިޓަރީ ރެގިއުލޭޝަން
- މަނީ ޗޭންޖަރސް ރެގިއުލޭޝަން
- ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް އަދި ބިޒްނަސް ޕްރޮފިޓް ޓެކްސް
މި ގަވާއިދުތަކަށް ބަދަލު ގެނައުމުން ރިސޯޓްތަކަށް ލިބޭ ޑޮލަރުތައްވެސް ބޭންކަށް މާރުކުރުން މަޖުބޫރުވާނެއެވެ. އޭރުން ބޭންކުތަކުގައި ހުންނާނީ ޑޮލަރެވެ.
"އޭގެ ސަބަބުން ރާއްޖޭގައި ޑޮލަރު ހިފެހެއްޓުމަށް ހިއްވަރު ދެވި ރާއްޖޭގައި ގިނަދުވަހު ޑޮލަރު ހިފެހެއްޓިގެންދާނެ. އޭގެންވެސް ފައިދާ ކުރާނީ ރާއްޖެއަށް. މިހިނގާ މަނީ އެކްސްޗޭންޖިންގވެސް އޭރުން ބޭންކިންގ ނިޒާމާއި ގުޅިފައި އިންނާނީ. ބޭންކުތަކުން ދާނީ ގާތުން ބަލަމުން. އޭރުން މިހާރުމިދާ ހައިރޭޓްތަކަށް އަރައިގެންނެއް ނުދާނެ." ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
މި ފިޔަވަޅުގެ ސަބަބުން ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ބުލެކްމާކެޓުގައި މާރުކުރުން ހުއްޓި، ބޭންކަށް މާރުކުރުުން މަޖުބޫރުވާނެއެވެ. ރައީސް ވިދާޅުވީ މި ބަދަލު ގެނައުމުން އެމަނިކުފާނު ދެކެ ބަޔަކު ހިތްހަމަ ނުޖެހޭނެކަން އެނގިވަޑައިގަންނަވާ ކަމަށާއި އެހެންނަމަވެސް އެމަނިކުފާނު ހުންނަވާނީ ރައްޔިތުންގެ ފަޅީގއެވެ.
"ވަރަށް ގިނަ މީހުން ރުޅިއައިސްދާނެ އަޅުގަނޑު ދެކެ. އެކަމަކު އަޅުގަނޑު ހުންނާނީ ރައްޔިތުންގެ ފަޅީގަ" ރައީސް ވިދާޅުވިއެވެ.









