ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ފަސް ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު މިއަދު އިރުއޮއްސުނު ވަގުތު ފެނިއްޖެއެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 13:45 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފުން ވަނީ ކަނޑާއި ވައިގެ މަގުން އެ މީހުން ހޯދުމުގެ ފުޅާ އޮޕަރޭޝަނެއް ފަށާފައެވެ. މި މަސައްކަތުގައި ކޯސްޓްގާޑުގެ އިތުރުން، އެ ސަރަހައްދުގައި އޮތް ސަފާރީއަކާއި، ވ. އަތޮޅު ޕޮލިސް ސްޓޭޝަނާއި އަލިމަތާ ރިސޯޓުން ދަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ.
ގެއްލުނު މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނިފައިވަނީ މި ހޯދުމުގެ މަސައްކަތުގައި ބައިވެރިވި ސަފާރީގެ ޑައިވަރުންނަށް، މިއަދު އިރުއޮއްސި 18:13 ހާއިރު މޫދު އަޑިންނެވެ. އެ މީހާގެ ހަށިގަނޑު މިހާރު ވަނީ ވ. ފުލިދޫ ހެލްތު ސެންޓަރަށް ގެންގޮސްފައެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި، މި ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރު އަޑީގައި އޮތް ކޭވްއެއްގެ ތެރެއިންނެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ވެސް ވީ ކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައެވެ.
މިއީ ވަރަށް ނުރައްކާތެރި އަދި "ހައި ރިސްކް" އޮޕަރޭޝަނަކަށް ވާތީ، އެ ސަރަހައްދުގައި މަސައްކަތް ކުރުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި، މިފަދަ ހާލަތްތަކުގައި ބޭނުންކުރާ ޚާއްޞަ ސާމާނު މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ.
މި އޮޕަރޭޝަން އެއްކޮށް ނިމެންދެން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް "ޣާޒީ" އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން ދާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.









