ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް ވަކިކުރުމަށް ޤަރާރެއް ހުށަހަޅައިފިއެވެ.
މަޖިލީހުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް، ނާޠިމް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށާއި، މި މައްސަލަ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ކަމަށްވެސް މަޖިލީހުން ވިދާޅުވިއެވެ.
ނާޘިމް ވަކިކުރުމަށް ބޭނުންވާ ސޮއި މިހާރުވަނީ ހަމަވެފައި ކަމަށް ޕީއެންސީގެ ޕީޖީ ގްރޫޕްގެ މެންބަރަކު ޚުލާޞާ އަށް މައުލޫމާތު ދެއްވިއެވެ. އޭނާ ވިދާޅުވީ ނާޘިމް ވަކިކުރަން ޕީއެންސީގެ ޕީޖީ ގްރޫޕުން ނިންމީ ސަރުކާރާއި ދެކޮޅަށް ނާޘިމް މަސައްކަތް ކުރައްވާތީ، އެމަނިކުފާނުގެ މައްޗަށް އޮތް އިތުބާރު ގެއްލުމުންނެވެ.
މަޖިލީހުގެ ޤަވާއިދު ބުނާގޮތުން މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިވާނީ ދެ ހާލަތެއްގައެވެ. އެއީ އެ މެންބަރަކު މެންބަރުކަމުން ވަކިވުމުންނާއި އެ މީހަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްވުމުންނެވެ.









