ސިނގިރޭޓުން ވައްކަން ކުރި މީހުން ފައިސާ ހަރަދުކުރީ ޖުވާކުޅެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް މި މޭރުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން މަރްޒޫގް ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުންނެވެ. ނާޒިމް އެ އަލިއަޅުއްވާލެއްވީ ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އެމްޕީއެލް ހުޅުމާލެ ޕޯޓުގައި ހުއްޓާ ގެއްލުނު މައްސަލައަށެވެ.
ސިނގިރޭޓުގެ ވައްކަމުން ހޯދި ފައިސާއަށް ބެޓުކޮށް، ޖުވާކުޅެ އަދި އެ ފައިސާއިން ނަފާ ހޯދުމުގެ ތެރޭގައި އެ ހުރިހާ ފައިސާ ގެއްލިފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. މީގެ އިތުރުން މިކަމުގައި ބައިވެރިވި ފަރާތްތަކުން ޖުވާ ކުޅެގެން ލިބުނު ފައިދާ އެ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްދިނުމަށް ވަކި ކުންފުނިތަކެއް ހަދާފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ބެޓުކޮށް އަދި ޖުވާކުޅުމުގެ ކަންކަން ހިންގާ ކުންފުނިތަކަށް ވާގިވެރިވާ ދިވެހި ކުންފުނިތަކެއް އެބަހުރި ކަމަށާއި، ޖުވާކުޅޭ ފަރާތްތަކުގެ އެކައުންޓްތަކަށް އެފަދަ ކުންފުނިތަކުން ފައިސާ ޖަމާކުރަނީ ބޭންކުތަކަަށްވެސް އެކަން ދެނެ ނުގަނެވޭހާ ކުދިކުދި އަދަދުތަކުން ފައިސާ ޖަމާކޮށްގެން ކަމަށެވެ. މިކަމުންވެސް ދޭހަވެގެންދަނީ މުޖުތަމައުގައި ފުޅާ ދާއިރާއެއްގައި ޖުވާކުޅުމުގެ ކަންތައްތައް ހިންގަމުންދާކަން ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް އިތުރަށް ވިދާޅުވީ، މިފަދަ ބެޓިން ވެބްސައިޓްތަކަށް ވަނުމާއި، ބެޓް ކުރުމާއި، ޖުވާކުޅުމުގެ ކަންކަން ހުއްޓުވުމުގެ ގޮތުން ބޭންކުތަކުންވެސް ކާޑުތައް އެފަދަ ކަންކަމުގައި ބޭނުން ނުކުރެވޭ ގޮތް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެެވެ.






