ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ޤަވާއިދާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން ހޯދާ ޑީޕޯޓުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށާއި، އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހީގެ ތެރެއިން ޤަވާއިދާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން ހޯދައި މިއަހަރުގެ ނޮވެމްބަރު 17ވަނަ ދުވަހުގެ ކުރިން ޑީޕޯޓުކުރުމަށް މަސައްކަތްތައް ކުރަމުންދާކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، މި ދައުރު ނިމޭއިރު ރައްޔިތުން ޤަބޫލުކުރާ އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކުން ބަލާއިރު ވެސް އެންމެ ރަނގަޅަށް ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ އެއް ގައުމުގެ ގޮތުގަ ރާއްޖެ ކަނޑައެޅިގެންދާނެ ކަމަށެވެ.
ވަޒީރު ވިދާޅުވީ، މި ސަރުކާރުން ހަވާލުވިއިރު ވާނުވާ ނޭނގޭ ތިންލައްކައެއްހާ ބިދޭސީން ރާއްޖޭގައި ތިބިކަމަށާއި، ސަރުކާރުން ކުރި މަސައްކަތުން މިމަހުގެ 1ގެ ނިޔަލަށް %98 މީހުންގެ ބަޔޯމެޓްރިކްސް ނެގިފަވާކަމަށެވެ.









