ހާއްސަ މަޖިލީހުގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގއ.ގެ ކުރީގެ މެންބަރު ގ. ލިފަދޫ، މުޙައްމަދު ރާމިޒް އަވަހާރަވެއްޖެއެވެ.
މަރުޙޫމް މުޙައްމަދު ރާމިޒަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، ރާއްޖޭގެ ޤާނޫނު އަސާސީ އިޞްލާޙުކުރުމަށް އެކުލަވާލި ޚާއްޞަ މަޖިލީހުގައި މެންބަރެއްގެ ގޮތުން އޭނާ ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.
ސިޔާސީ ގޮތުން ބަލާއިރު، ރާމިޒަކީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި އުފެއްދި ފުރަތަމަ ސިޔާސީ ޕާޓީ، ޑީއާރުޕީގެ އިސް ސަފުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ އެ ޕާޓީގެ ނައިބުރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ.
މަރުޙޫމް މުޙައްމަދު ރާމިޒަކީ ނިކަމެތިންނަށް އެހީތެރިވުމުގައި ފާހަގަ ކޮށްލެވޭ އަދި ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ނަމެކެވެ.
މުޙައްމަދު ރާމިޒް އަވަހާރަވެފައިވަނީ އުމުރުފުޅުން 74 އަހަރުގައެވެ. މައްޔިތާގެ ޖަނާޒާ އޮންނާނީ މިއަދު އަޞުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.









