ޕީއެންސީއަކީ އިންތިހާބުތަކުން ބަލިވުމުން ކޯޓަށް ގޮސްގެން ނަތީޖާ ނެރޭނެ ޕާޓީއެއް ނޫން ކަމަށާއި، މިއީ މާޔޫސްވުމުގެ ބަދަލުގައި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޑރ. މުއިއްޒުއާއެކު ކާމިޔާބު ކުރުމަށް އުންމީދު އާކޮށް، ކަމަރު ބަންނަންވީ ވަގުތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ، ނިމިދިޔަ ކައުންސިލް އިންތިހާބުގައި އއ. ހިމަންދޫ އިން ޕީއެންސީ ކެންޑިޑޭޓުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް މިރޭ ޕީއެންސީ ހަރުގޭގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖަލްސާގެ ބައިވެރިންނާ މުހާތަބު ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، މަގުމަތިންނާއި ކަންކަންމަތިން ދައްކާ އެކި ކަހަލަ ވާހަކަތަކަށް މެމްބަރުން ނުހެއްލުމަށެވެ. އަދި އެފަދަ ވާހަކަތަކަށް ޕީއެންސީން ރައްދު ދޭނީ ބަހާއި އަމަލުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ފިކުރަކީ ގައުމީ ފިކުރު، އަޅުގަނޑުމެންގެ ފިކުރަކީ ތަރައްގީގެ ފިކުރު، އަޅުގަނޑުމެންގެ ފިކުރަކީ އެއްބައިވަންތަ ކަމުގެ ފިކުރު، އަޅުގަނޑުމެންގެ ފިކުރަކީ ސުލްހަ މަސްލަހަތުގެ ފިކުރު،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހަށް އަލިއަޅުވާލައްވަމުން އޭނާ ވިދާޅުވީ، މަލްޓިޕާޓީ ޑިމޮކްރަސީއެއްގައި ރާއްޖޭގެ ވެރިކަން ހިނގާފައިވާ ގޮތް ރައްޔިތުންނަށް މިހާރު ފެނިފައިވާ ކަމަށެވެ. އެގޮތުން ޕީޕީއެމްގެ ވެރިކަމާއި އެމްޑީޕީން ކުރި ދެ ދައުރުގެ ވެރިކަން ތަޖުރިބާކޮށްފައިވާ އިރު، މިހާރު ރައީސް ޑރ. މުއިއްޒުގެ ޕީއެންސީ ވެރިކަން ވެސް ރައްޔިތުން ތަޖުރިބާ ކުރަމުންދާ ކަމަށާއި، މި ހުރިހާ ވެރިކަންތަކެއް އަޅާކިޔާލުމުން އޭގެ ތަފާތު ސާފުކޮށް ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ޕީއެންސީއަކީ ވޯޓުގެ ނަތީޖާ ބަލައިގަނެ، އެއަށް އިހުތިރާމްކޮށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ރާވަން ކެރޭ ހިތްވަރު ހުރި ފިކުރެއް ކަމަށެވެ. މީގެ އެންމެ ބޮޑު ހެއްކަކީ، ކައުންސިލް އިންތިހާބުގެ ނަތީޖާއަށްފަހު، ރައްޔިތުންގެ އަޑު އައްސަވައިފި ކަމަށާއި ބަދަލުކުރަންޖެހޭ ކަންކަން ބަދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ވިދާޅުވުން ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި މިއަދާ ހަމައަށް އައިއިރު، ވަގުތުން ވަގުތަށް ގެންނަވަންޖެހޭ ބަދަލުތައް ރައީސް ގެންނަވަމުންދާކަން ރައްޔިތުންނަށް ފެންނަމުންދާނެ ކަމުގެ ޔަގީންކަން ވެސް އަބްދުއްރަހީމް ވަނީ ދެއްވާފަ އެވެ.









