ގދ. ނަޑެއްލާގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ގދ. ނަޑެއްލާ، ދުބުރިމާގެ، އަޙްމަދު ޒާހިމް (29އ) އެވެ. އޭނާ ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފަސްދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފަ އެވެ.
ފުލުހުން ބުނި ގޮތުގައި ޒާހިމް ހައްޔަރުކޮށްފައި ވަނީ މި މެއި މަހުގެ 5 ވަނަ ދުވަހު ނަޑެއްލާގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އެ ރަށު ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި، އޭނާ ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ސައިޒުގެ ކޮތަޅަކާއި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.
މި މައްސަލަ ފުލުހުން މިހާރު ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމަޢު ސަލާމަތްކުރުމަކީ ސަރުކާރުން ނުހަނު އިސްކަމެއް ދެއްވާ ކަމެކެވެ. މިގޮތުން، މަސްތުވާތަކެތި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށާއި، ރަށްރަށުގައި މިފަދަ ތަކެތި ގެންގުޅެ ވިޔަފާރިކުރާ ފަރާތްތައް ހޯދައި ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ގެންދަނީ މެދުކެނޑުމެއްނެތި އޮޕަރޭޝަންތައް ހިންގަމުންނެވެ.









