އޮކްޓޯބަރު މަހު އަނިޔާވެރިކަން އިތުރުވި ފަހުން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގެ ސަބަބުން މަދުވެގެން 40،405 މީހުން ޝަހީދުވެ 93،468 މީހުންނަށް ބޮޑެތި ޒަޚަމްވެފައިވާ ކަމަށް ފަހުގެ ރިޕޯޓްތަކުން ދައްކަ އެވެ.
މި ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ސަބަބުން ޣައްޒާ ފަނާވެ، އިންސާނީ ދަތިކަން އިންތިހާއަށް ބޮޑުވެ، ގިނަ އަދަދެއްގެ ރައްޔިތުން ގެދޮރު ދޫކޮށް ގޮސްފައިވެއެވެ.
ޣައްޒާއަށް އަރައި ހަނގުރާމަ ކުރަނީ އޮކްޓޯބަރު މަހު އިސްރާއީލަށް ހަމާސްއިން ދިން ހަމަލާގެ ރައްދުގައި ކަމަށް އިސްރާއީލުގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނާއިރު، 1967ވަނައަހަރުއްސުރެ އިސްރާއީލުން ދަނީ ފަލަސްޠީނު ރައްޔިތުން ޝަހީދު ކުރަމުންނެވެ.
ހަ ދުވަހުގެ ހަނގުރާމައަށް ފަހު 1967 ވަނަ އަހަރު ފަލަސްތީނުގެ ސަރަހައްދުތަކަށް އެމެރިކާއާއި އިނގިރޭސީވިލާތުގެ ރުހުމާއެކު އިސްރާއީލުން ވެރިވެގަތުމުގެ ސަބަބުން އުފެދިފައިވާ މި ހަމަނުޖެހުންތަކުގައި މެދުކެނޑުމެއްނެތި މުސްލިމުން ޝަހީދު ނުކުރާ ދުވަސްވަރެއް ނާދެއެވެ.
މިހާރު މިއޮތް ހާލަތު ގޯސްވެފައިވަނީ އޭރުއްސުރެ ފަލަސްތީނު މުސްލިމުން ޝަހީދު ކުރަމުން އައިސް އެކި މަރުހަލާތައް ކަޑައްތު ކުރަމުންނެވެ.
ހަނގުރާމަ ހުއްޓާލުމުގެ ބްރޯކަރެއްގެ ގޮތުގައި އެކި ދުވަސްވަރުމަތިން އަރަބި ގައުމުތަކުން މަސައްކަތް ކުރިނަމަވެސް، އެ ކުރެވުނު މަސައްކަތްތައް މިހާތަނަށްވަނީ ނާކާމިޔާބުވެފައިއެވެ.
އިސްރާއީލުގެ މަންދޫބުންނާއި ފަލަސްތީނުގެ ފެކްޝަންތަކަށް އިއްތިފާގު ނުވެ، ކޯޅުން ހައްލު ނުވެ، އިންސާނީ ހާލަތު ހައްތަހާ ދަނީ ގޯސްވެގެންނެވެ. ކުރިއަށްދާ ޢަދާވާތްތެރިކަމުގެ ސަބަބުން މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަށް ފުރިހަމަ އަދި ދެމިއޮންނަ ހައްލެއް ހޯދުމުގެ ބޭނުންތެރިކަން ބޮޑުވެގެން ޢަރަބި ގައުމުތަކުން ކަންބޮޑުވެ އަނިޔާވެރިކަން ހުއްޓުވުމަށް މަޝްވަރާ ކުރުމުގެ މަޤްޞަދުގައި ޤާހިރާގައި ބޭއްވި މަޝްވަރާތައް ވެސް ނިމުނީ ކޮޅެއްގައި ނުޖެހިއެވެ.









