ޕީޕީއެމްގެ ސަޕޯޓަރުން ނުކުމެ އަވަށްޓެރި ގައުމުތަކަށް މަލާމާތްކޮށް މުޒާހަރާކުރަން އޭރު ހުއްދަދިނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށާއި، މިއަދު ވެސް އެފަދަ ހަރަކާތްތައް ހިންގަމުން ދަނީ އެމަނިކުފާނުގެ ލަފާފުޅުގެ މަތިން ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީއެންއެފްގެ ނަމުގައި އަވަށްޓެރި އިންޑިއާއަށް މިއަދުވެސް މަލާމާތްކުރަމުންދާ ކަމަށެވެ. އަދި އެކަމުގައި އިސްކޮށް އުޅުއްވަނީ އޭރު ޕީޕީއެމްގެ ލީޑަރުގެ ގޮތުގައި ހުންނެވި ޔާމީން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ފަލާހު ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބަދަހިކުރައްވައި، ހާއްސަ ލޯތްބެއް އުފައްދަވާފަ އެވެ. ނަމަވެސް، ރައީސް ޔާމީންގެ ސަބަބުން މިއަދު ޕީއެންސީއަށް އާޓީފިޝަލް ބީޗުގައި ޖަލްސާއެއް ބޭއްވުމަށް ވެސް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، ޕީއެންސީގެ ޖަގަހަ ކުރިމައްޗަށް މަދު ބަޔަކު ފޮނުވައިގެން ޕާޓީގެ ހަރަކާތްތަކަށް ހުރަސް އަޅަމުންދާ ކަމަށް ފަލާހު ތުހުމަތު ކުރެއްވިއެވެ.
ޕީއެންއެފްގެ އަމަލުތަކަށް ފާޑުވިދާޅުވަމުން ފަލާހު ވިދާޅުވީ، ވިލާތުގެ ގައުމުތަކާއި ހަލަބޮލި ގައުމުތަކުން ވެސް ނުފެންނަ ފަދަ ތަފާތު ޒާތްޒާތުގެ ކަންކަން އެ ޕާޓީގެ ފަރާތުން ރާއްޖޭގައި ފެންނަމުންދާ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ބެލުމަށް މިނިވަން މުއައްސަސާތައް ހުރިކަން ފާހަގަކުރެއްވައި ފަލާހު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ހުރުމަތްތެރިކޮށް ނުހިތާ ނަމަ، އެފަދަ ޕާޓީތަކާ މެދު ފިޔަވަޅު އެޅުމަކީ އިލެކްޝަންސް ކޮމިޝަނަށް ލާޒިމް ކަމެއް ކަމަށެވެ. އަދި ފިޔަވަޅު ނޭޅޭ ނަމަ އެ މުއައްސަސާތަކުގެ ވެރިން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ މުއައްސަސާއަކީ ދައުލަތުން ބޮޑު ހޭދައެއް ކުރާ ތަނެއްކަން ފާހަގަކުރެއްވައި ފަލާހު އިތުރަށް ވިދާޅުވީ، ކޮންމެ ރައްޔިތަކަށްމެ މިނިވަންކަމުގެ އިހުސާސް ކުރެވެން ޖެހޭނެ ކަމަށެވެ. އަދި ދަރިފުޅު ގޮވައިގެން ސްކޫލަށް ދިއުން ފަދަ އާންމު ކަންކަން ކުރުމަށް ހުރަސް އެޅޭ ހިސާބަށް ކަންކަން ދިއުމަކީ މިނިވަން ދައުލަތެއްގެ އިހުސާސް ގެއްލިގެންދާނެ ކަމެއް ކަމަށް ވިދާޅުވެ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.









